ސްކޫލްތަކުގެ އިސްވެރިންގެ ކޮންފަރެންސް ނިންމާލައިފިއެވެ.
މިމަހުގެ 16 އަދި 17 ގައި ދެދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ކޮންފަރެންސާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެޑިއުކެޝަން ޑިވެލޮޕްމެންޓް އޮފިސަރ ކޯޑިނޭޓަރ ޝުހުދާ ރިޒްވާން ވިދާޅުވީ މި ކޮންފަރެންސްގައި ހޮނިހިރު ދުވަހު މަޝްވަރާކުރެވިފައި ވަނީ ހޯލިސްޓިކް އެޑިއުކޭޝަންގެ ކޮންސެޕްޓްތަކާ ބެހޭ ގޮތުން ކަމަށާއި، އާދިއްތަ ދުވަހުގެ ސެޝަންތައް ކުރިއަށް ދިޔައީ ޕޮލިސީ ޑިރިވެން ލީޑަރޝިޕާ ބެހޭ ގޮތުން ކަމަށެވެ.
ޝުހުދާ ވިދާޅުވީ ހޮނިހިރު ދުވަހުގެ ސެޝަންގައި ހޯލިސްޓިކް އެޑިއުކެޝަނާއި ޓްވެންޓީ ފަސްޓް ސެންޗަރީ ލާރނިންއާ ބެހޭ ގޮތުން ކީ ނޯޓެއް ދެވިގެން ދިޔަ ކަމަށެވެ. އަދި އާދިއްތަ ދުވަހު ޕޮލިސީ އެނަލައިޒް ކުރުމުގެ ސެޝަނެއް ކުރިއަށް ދިޔަ ކަމަށާއި އެގޮތުން ވިއްސަކަށް ޕޮލިސީ އެނަލައިޒް ކުރެވިގެން ދިޔަކަމަށް ޝުހުދާ ވިދާޅުވިއެވެ.
މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރަށް ތައްޔާރު ކުރެވިފައިވާ އެޑިއުކޭޝަން ސެކްޓަރ ޕްލޭނާ ގުޅޭ ގޮތުން ވަރަށް ފުޅާދައިރާއެއްގައި މަޝްވަރާކުރެވިގެން ދިޔަ ކަމަށާއި އެކަމުގައި ހުރިހާ ބައިވެރިންގެ ހިޔާލުތަކައި މަޝްވަރާތައް ލިބިގެންދިޔަ ކަމަށް ޝުހުދާ ވިދާޅުވިއެވެ. މިހާރު އޮތް ސެކްޓަރ ޕްލޭނަށް އިތުރު ބަދަލުތައް ގެންނަން ޖެހޭނެ ކަމަށް ކޮންސަލްޓެންޓުން ވިދާޅުވި ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކޮންފަރެންސްގައި ރާއްޖޭގައި ގާއިމްކުރެވިފައި ހުރި ހުރިހާ ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ 213 ސްކޫލާއި މާލޭގައި ހުރި އިންޓަނޭޝަނަލް ސްކޫލްތަކާއި ހުރިހާ ޕްރީސްކޫލަކުން ވަނީ ބައިވެރިވެފައެވެ.