ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މޫސާ އެ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި އަހުމަދު މޫސާ ވިދާޅުވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އޭނާއަށް ދީފައިވާ ޓިކެޓު ދޫކޮށްލައްވައި، އަމިއްލަ ގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ނިންމެވީ މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އަމިއްލަގޮތުން މަޖިލީހަށް ވާދަކުރުން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
އަހުމަދު މޫސާ ވަނީ 2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް ރައްޔިތުންގެ މަޖިލިހުގައި ކުރެންދޫ ދާއިރާގެ މެމްބަރުކަން ކުރައްވައިފަ އެވެ. އެފަހަރުވެސް އޭނާ ހޮވިވަޑައިގެންފައިވަނީ އަމިއްލަ ގޮތުން މަޖިލީގައި ވާދަކޮށްގެންނެވެ.
އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ކުރެންދޫ ދާއިރާ އަށް އެމްޑީޕީ އާއި ޕީޕީއެމުން ވެސް ވާދަކުރެ އެވެ.
އަހުމަދު މޫސާ ވިދާޅުވީ، އަބަދުވެސް ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޔާސީ ގޮތުން އެހީތެރިވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.
ކުރެންދޫ ދާއިރާގެ މިހާރުގެ މެމްބަރަކީ އެމްޑީޕީގެ އަބްދުލްބާރީ އަބްދުﷲ އެވެ. އެކަމަކު އޭނާ މި ފަހަރު ވާދައެއް ނުކުރައްވަ އެވެ.