ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ނިންމާ، ބައެއް ދާއިރާތަކަށް ކެންޑިޑޭޓުން ނުނެރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީ އާއި ރައީސް ޔާމީނާ ދެމެދު މަޝްވަރާތަކެއް ވަނީ ކޮށްފަ އެވެ. ނަމަވެސް އެފަދަ މަޝްވަރާތަކެއް ކުރިކަމަށް ދެކެވޭ ވާހަކަތައް ޖުމްހޫރީ ޕާޓީން ދޮގުކުރެއެވެ.
ރާއްޖެ.އެމްވީއަށް އެނގިފައިވާގޮތުގައި މަޝްވަރާތަކަށްފަހު ޖޭޕީން ބޭނުންވާ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ޕީޕީއެމާއި، ޕީއެންސީން ވާދަނުކުރަން ނިންމާފައިވެއެވެ. އަދި ކެންޑިޑޭޓުންގެ ނަން ނެގުމަށް ދަނީ އެކެންޑިޑޭޓުންނަށް އަންގަމުންކަން ރާއްޖެ.އެމްވީއަށް އެނގިފައިވެއެވެ. އެގޮތުގައި ގެމަނަފުށީ ދާއިރާގެ މެމްބަރަކަށް ހުންނެވި ޖަމީލް އުސްމާން އިންތިޚާބުގައި ވާދަނުކޮށް، ޖޭޕީގެ ކެންޑިޑޭޓް އަލީ އާދިލް އަށް ފުރުސަތު ދިނުމަށް ޔާމީންގެ ފަރާތުން ވަނީ އަންގަވާފައެވެ.
ނަމަވެސް މަޖިލިސް އިންތިޚާބުގައި ދެ ޕާޓީން ދޫކުރަން ނިންމި ގޮނޑިތަކުގެ ތަފްސީލް އަދި ނުލިބެއެވެ.
މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމުން ޖޭޕީއާ ދެމެދު ވަނީ ދެބަސްވުންތައް އުފެދި ދެޕާޓީން ގެންދަވަނީ ބަހުގެ ހޫނު ހަމަލާ ދެމުންނެވެ. މަޖިލީސް އިންތިހާބުގައި 44 ދާއިރާއަކަށް ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ނިންމާފައިވާއިރު، ރައީސް ޔާމީން ދެ ސިޔާސީ ޕާޓީން ވާދަކުރާނީ ޖުމްލަ ކިތައް ދާއިރާއަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.