ކުރިޔަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް 183 ކެންޑިޑޭޓުން ކެންޑިޑެސީ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ ހުކުރު ދުވަހުގެ ނިޔަލަށް މަޖިލީސް އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި ފަރާތްތަކުގެ ތެރޭގައި އެމްޑީޕީ 86 ކެންޑިޑޭޓް ހިމެނޭކަމަށެވެ. އަދި ޕީޕީއެމުން 14 ކެންޑިޑޭޓް، ޕީއެންސީން 04 ކެންޑިޑޭޓް، އެމްޑީއޭއިން 07 ކެންޑިޑޭޓް އަދި ވަކިވަކިން ވާދަކުރައްވާ 59 ކެންޑިޑޭޓުން ފޯމް ހުށަހަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
15/2/2019 ge niyalah
— Ahmed Shareef (@ShareefRangondi) February 15, 2019
Total candidacies 183
AP. 07
MDP 86
PPM. 14
JP. 06
PNC. 04
MDA. 07
Individual. 59
މަޖިލީސް އިންތިހާބަށް ކުރިަމތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް ހުޅުވާލާފައިވާއިރު، މިމަހުގެ 21 ގެ ނިޔަލަށް ކުރިމަތިލުމަށް އެދި ހުށަހެޅޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް ރީރެޖިސްޓްރޭޝަނަށް ހުޅުވާލާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެ މީހަކު ވޯޓްލީ ތަން ބަދަލު ނުވާނަމަ މި ފަހަރުގެ އިންތިހާބަށް ރީރެޖިސްޓްރީވާން ނުޖެހޭނެއެވެ.
އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެއެވެ.