އިންޑިއާގެ ކަނޑުގެ ސަރަހައްދަށް މަސްވެރިކަން ކުރަން ނިކުމެ އުޅުނު ރާއްޖޭގެ ދޯންޏެއް އިންޑިއާ ސިފައިންގެ ބެލެމުގެ ދަށަށް ގެންގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ ދޯނި އަތުލައި ގަނެފައިވަނީ އިންޑިއާގެ ލަކްޝްދީޕްގެ ސުހެލި އަތޮޅު ކައިރިންނެވެ. އަދި އޭގެ ފަހުން އެ ދޯނި ކަވަރައްޓީ އައިލެންޑަށް ގެންގޮސްފައިވާ ކަމަށްވެއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، ރާއްޖޭގެ ދޯންޏެއް އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަން ހިނގި ގޮތް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފް އިން ބުނީ، ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް އުޅޭ ބޭރުގެ މަސް ދޯނިތައް ފެނުމުން ހުއްޓުވާ، ހަމަޖެހިފައިވާ އުސޫލުގެ މަތިން ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އެގޮތުން އިންޑިއާއިން ވެސް އެ ގައުމުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަންނަ ދޯނިތައް އެމީހުންގެ ބެލުމުގެ ދަށަށް ގެންދަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކޮން ރަށެއްގެ ދޯންޏެއްކަމެއް އަދި ކަށަވަރެއް ނުވެ އެވެ.