މެލޭޝިއާގެ ބޮޑުވަޒީރު ޓުން ޑރ. މަހާތިރް ބިން މުޙައްމަދު ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު އެމަނިކުފާނަށް ދައުވަތު އަރުއްވައިފިއެވެ.
ރާއްޖެ ވަޑއިގަތުމަށް ދައުވަތު ދެއްވައި ރައީސް ސޯލިހު ފޮނުއްވެވި ސިޓީފުޅު ޑރ. މަހާތިރަށް ރައްދުކުރެއްވީ، ޑރ. މަހާތިރުގެ ދަޢުވަތުފުޅަކަށް މެލޭޝިއާއަށް މިހާރު ވަޑައިގެން ހުންނެވި ރާއްޖޭގެ ކުރިގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމެވެ. ރައީސް ސޯލިހު ދެއްވި ދައުވަތު މަހާތިރް ވަނީ ގަބޫލުފުޅުކުރައްވާފައެވެ.
ޑރ. މަހާތިރާއި ރައީސް މައުމޫންގެ މި ބައްދަލުކޮށްލެއްވުމުގައި ރައީސް ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން، ދިވެހިންނަށް ދަތިވެފައިވާ ވިސާގެ މައްސަލަ ރައީސް މައުމޫން ވަނީ ޑރ. މަހާތިރާއި ޙިއްސާކުރައްވާފައެވެ. އަދި އެކަމުގައި ޑިޕްލޮމެޓިކް ޗެނަލްއިން މަސައްކަތްކޮށް، އެކަމަށް އަވަސް ހައްލެއް ލިބިވަޑައިގަންނަވާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް މައުމޫން ޑރ. މަހާތިރް އަރިހުގައި ދެންނެވިއެވެ.
މީގެ އިތުރުން ރައީސް މައުމޫން ވަނީ ރާއްޖޭގައި ކޯލިޝަން ސަރުކާރެއް އުފެދިފައިވާއިރު، އިސްލާހަށް ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޑރ. މަހާތިރަށް މައުލޫމާތުދެއްވާފައެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަލިއަޅުވާލާ، ރާއްޖެ އައި މެލޭޝިއާއަށް މިވަގުތު ދިމާވެފައި މިވަނީ ވަރަށްވެސް އެއްގޮތް ކަންތައްތަކެއްކަން ޑރ. މަހާތިރް ވަނީ ފާހަގަކުރައްވާފައެވެ.
ސިޔާސީ ކަންކަމުގެ އިތުރުން ރައީސް މައުމޫނާއި ޑރ. މަހާތިރު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.
ރައީސް މައުމޫންގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ މައުމޫން ރިފޯމް މޫވްމަންޓްގެ އިސް ބޭފުޅުން ކަމުގައިވާ އަބްދުﷲ ކަމާލުއްދީނާއި އައިމިނަތު ނާދިރާވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.