ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެކްޓިންގ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ 09:00 އަކުން ފެށިގެން ދަންވަރު 01:00 ޖެހުމާއި ހަމައަށް 154 އުޅަނދު މާލޭގައި ހުއްޓުވާފައިވާ ކަމަށާއި އޭގެ ތެރެއިން 134 ފަރާތެއް ޓްރެފިކް ޤަވާއިދާ ހިލާފުވެފައިވާ ކަމަށެވެ.
ޓްރެފިކް ޤަވާއިދާ ހިލާފުވެފައިވާ އުޅަނދުތަކުގެ ތެރެއިން 18 ސައިކަލު ޓޯ ކޮށްފައިވާއިރު 41 ފަރާތުން ލައިސެންސް ނެތި ސައިކަލު ދުއްވާފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.
Between 9 PM and 1 AM last night, Traffic Police stopped 154 vehicle/motorcycles on roads of Male’ City.134 were found to have violated traffic regulations. 24 licences were forfeited and 18 motorcycles were towed. It was found that 41 unlicensed persons operated motorcycles.
— Mohamed Hameed (@M_Hameedh) February 15, 2019
ޤަވާއިދާ ޚިލާފަށް ޕާކުކުރާ އެއްގަމު އުޅަނދުތައް ޖޫރިމަނާކޮށް ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވީ ނަމަވެސް އެފަދަ އުޅަނދުތައް ފުލުހުން ޓޯ ކުރެއެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 14 ވަނަ ދުވަހާއި ހަމައަށް ފުލުހުން ވަނީ މިހާތަނަށް ޖުމްލަ 166 އުޅަނދެއް ޓޯ ކޮށްފައެވެ. އޭގެ ތެރޭގައި 139 މޮޓޯ ސައިކަލް ހިމެނޭއިރު 17 ކާރު ހިމެނެއެވެ. އަދި 6 ވޭން އާއި އެއްލޮރީގެ އިތުރުން އެއްޕިކަޕް ފުލުހުން ޓޯ ކޮށްފައިވެއެވެ.
މީގެ އިތުރުން އެއް ބައިސްކަލާއި އެއް ބެޓަރި ސައިކަލު ފުލުހުން ޓޯ ކޮށްފައިވެއެވެ.