އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ ތަހުގީގުގެ ތަފްސީލީ ރިޕޯޓްގައި ހިޔާނާތުގެ ފައިސާ ލިބުނު ބައެއް ފަރާތްތަކުގެ މައުލޫމާތު ހާމަކޮށްފައި ނުވާ ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ނިޔާޒް އޭނާގެ ފޭސްބުކް ޕޭޖްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭސީސީގެ ރިޕޯޓުން ހާމަކޮށްފައިވާ އެސްއޯއެފް މެދުވެރިކޮށް ދައުރުކުރި ފައިސާ އަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ބައިކުޅަބައެއް ކަމަށެވެ.
އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ އިތުރުން އެތައް މިލިއަން ޑޮލަރެއް އަދީބްގެ އަމިއްލަ އެކައުންޓްތަކަށާއި އޭނާގެ މަސްލަހަތު އޮތް ކުންފުނިތަކަށް ވަދެފައިވާ ކަމަށް ނިޔާޒު ތުހްމަތުކުރައްވަ އެވެ. އަދި މީގެ ތެރެއިން ބައެއް ފައިސާ ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިފައިވާކަމަށް ނިޔާޒު ވިދާޅުވިއެވެ.
ހިޔާނާތުގެ ފައިސާ ލިބުނު ބައެއް ފަރާތްތައް އަދިވެސް ދައުލަތުގެ މަގާމުތަކުގައި އެބަ ތިއްބެވި ކަމަށާއި އަދީބު އަތުން ފައިސާ ހޯއްދެވި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާކަން ނިޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ.
އެސްއޯއެފް މެދުވެރިކޮށް ފައިސާ ލިބުނު ފަރާތްތަކުގެ އިތުރުން އަދީބު އަތުން ހިޔާނާތުގެ ފައިސާ ލިބުނު ބައެއް ފަރާތްތަކުގެ މައުލޫމާތު (އޭސީސީގެ ރިޕޯޓްގައި ހާމަކޮށްފައި ނުވާ) އޭސީސީ އާއި ހިއްސާކުރެވިފައިވާނެ ކަމަށާއި އެފަރާތްތަކުގެ ނަން އޭސީސީއިން ހާމަ ކޮށްފައިނުވާތީ ނިޔާޒް ވަނީ ސުވާލު އުފައްދަވާފައެވެ.
ނިޔާޒު ވިދާޅުވީ އޭސީސީގެ ބައެއް މެންބަރުންނާއި އާއިލީ ގުޅުން އޮތް ބައެއް ފަރާތްތައްވެސް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ނިޔާޒު މަގާމުން ދުރުކުރީ، އަދީބުގެ މައްޗަށް ތުހްމަތުކުރެވޭ ހިޔާނާތުގެ މައްސަލަތަކުގެ މައްޗަށް ނެރުނު އޯޑިޓް ރިޕޯޓާ ގުޅިގެންނެވެ.