ސްޓެލްކޯ އިން ސޯލާ ސެންޓަރެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނީ މެނޭޖިންގ ޑައިރެކްޓަރ ހަސަން މުގުނީ ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުގައި މުގުނީ ވިދާޅުވީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަށް ސްޓެލްކޯ އިން ހާއްސަ ސަމާލުކަމެއް ދޭ ކަމަށާއި ރާއްޖެއާ އެންމެ ގުޅޭ ކަމަކީ ސޯލާ އެނަރޖީ އުފެއްދުން ކަމަށެވެ. އެގޮތުން ސޯލާއާ ގުޅޭ ބޮޑު މަޝްރޫއުއެއް ފަށާ، މާރޗް މަހުގެ ކުރީކޮޅުގައި ސޯލާ ސެންޓަރެއް ޤާއިމުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިރާދުކުރެއްވިއްޔާ ފެބްރުއަރީ މަހުގެ ފަހުކޮޅު ނުވަތަ މާރޗް މަހުގެ ކުރީކޮޅު، އަޅުގަނޑުމެން މިކޮޅުގައި ޤާއިމުކުރާނަން ސޯލާ ސެންޓަރެއް، ސޯލާއާ ބެހޭ ހުރިހާ ހިދުމަތްތަކެއް ދެވޭ ކަހަލަ ސެންޓަރެއް، އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް، ދުނިޔެ ވެސް ތިމާވެއްޓާ ރަށްޓެހި ހަކަތައާ ދިމާލަށް ދިޔުމާއެކު އަޅުގަނޑުމެން ވެސް ބޭނުންވަނީ އެ ދިމާލަށްދާން. ސޯލާ އެނަރޖީއަށް އަޅުގަނޑުމެން އިންވެސްޓްކޮށް ރައްޔިތުން އަހުލުވެރިކުރުވުމުގެ މަސައްކަތާއި އިތުރު ޓެކްނޮލަޖީތައް ތައާރަފު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން" މުގުނީ ވިދާޅުވިއެވެ.
އެ ސެންޓަރުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ސޯލާ ޖަހައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން ކަމަށާއި ސޯލާ ޖަހަން ބޭނުންވާ ފަރާތްތަކަށް ސްޓެލްކޯ މެދުވެރިކޮށް އެކަން ކުރެވޭނެ މަގު ފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ ގެކޮޅުތަކާއި އޮފީސްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް ހިންގި ކެމްޕެއިންގެ ދަށުން މުލީއާގޭގައި ސޯލާ ޕެނަލް ހަރުކޮށްފައިވަނީ 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. މުލީއާގޭގައި ހަރުކުރެވުނު ސޯލާ ޕެނަލް ސިސްޓަމުން 11 ކިލޯ ވޯޓްގެ ކަރަންޓް އުފެއްދޭނެއެވެ. އަދި މިސިސްޓަމުގެ އުމުރު ކަމުގައިވާ 30 އަހަރު ދުވަހުގެ ތެރޭގައި މުލީއާގެ ކަރަންޓް ބިލުން 300،000 ޑޮލަރަށްވުރެ ގިނަ ފައިސާ ރާއްޖެއަށް ސަލާމަތް ކުރެވޭނެ ކަމަށް އޭރު ރައީސް އޮފީހުން ވަނީ ބުނެފައެވެ.