ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރައްޔިތުންނަށް ލިބުނު އެކިއެކި ގެއްލުންތަކާއި، ނާއިންސާފުން ހިންގާފައިވާ ކަންކަމަށް އިންސާފު ހޯދުމަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރަ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއިން ހުށަހަޅާ ކަންކަމުގެ ތެރޭގައި އޮމްބަޑްސްމަން އޮފީހެއް ޤާއިމް ކުރުން ހިމެނޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މަޖިލިސް ވަޢުދުތައް ރައްޔިތުންނަށް ތަފްޞީލުކޮށްދިނުމަށް އެ ޕާޓީއިން ކުރިއަށްގެންދާ ޕެނަލް ސީރީޒްގައި އިންތިގާލީ އަދާލަތުގެ ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން، އިންތި ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް އިންތިގާލީ އަދާލަތު ޤާއިމްކޮށްދެއްވުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވަޢުދުފުޅެއް ކަމަށާއި، އަދި އެއީ އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ.
"އެކަން ހަޤީޤަތަކަށް ހެދުމަށްޓަކާ، ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ހުށަހަޅާ ބިލެއް ޤާނޫނަކަށް ހެދުމަށް. އެހެންވީމާ، ކުރިއަށް މި އޮތް އެޖެންޑާ ނަވާރައިގެ ދަށުން، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހެޅި ޤާނޫނަކަށް ހެދޭނެ. މީ އުފާވެރި ޚަބަރެއް" އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ އޮމްބަޑްސްމަން އޮފީހެއް ޤާއިމް ކުރުމަކީ އިންތިގާލީ އަދާލަތު ޤާއިމް ކުރުމަށް އެ ޤާނޫނުގައި ކަނޑައަޅާ ނިޒާމު ކަމަށެވެ.
"އެތަނުން ކުރާނެ މައިގަނޑު ކަންތައްތަކަކީ ހަޤީޤަތް ޙޯދުން. ކަމެއްގަ އޮތް ހަޤީޤަތް. އެއީ މާޒީގަ ރައްޔިތުންނަށް އަނިޔާވެރިވެފަވާ، ރައްޔިތުންގެ ހައްޤުތަކަށް ފާޅުގަޔާ ސިއްރުގަ އަރައިގަނެފަވާ ކަންތައްތައް ދެނެގަނެ، އެ ކަންކަމުގެ ހަޤީޤަތް ހޯދައިދީ، އަނިޔާ ލިބުނު މީހުންނަށް އެކަމުގެ ބަދަލުވެސް ހޯދައިދިނުމުގެ މަސައްކަތް ކުރުމަށް ޤާނޫނީ ބާރުވެރިކަން މި އޮމްބަޑްސްމަން އޮފީހަށް ލިބިދެވެނީ"، އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ، އޮމްބަޑްސްމަން އޮފީހުން އިންސާފު ނުލިބޭ މައްސަލަތައް އާންމު ތަހުޤީޤަކުން ތަހުޤީޤުކޮށް، ޕްރޮސެކިއުޓަރ ޖެނެރަލަށް ފޮނުވި، ކޯޓުތަކުގައި ޝަރީއަތް ހިންގޭނެ ކަމަށެވެ.
އިންތި އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް އަނިޔާ ލިބިފައިވަނީ ހެދިފައިވާ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އުސޫލުތަކުގެ ތެރެއިން، ނުވަތަ ރައީސުލްޖުމްހޫރިއްޔާ ނެރެއްވި ޤާރާރަކުން ކަމަށްވާނަމަ، އިންތިގާލީ އަދާލަތުގެ ޤާނޫނުގެ ތެރެއިން އެކަންކަން އިސްލާހުކުރުމަށް ބަންޑާރަ ނައިބަށް ހުށަހެޅޭނެ ކަމަށެވެ.
މި ނިޒާމުގައި ކަންކަން ހިނގާނެގޮތް ތަފްޞީލުކޮށްދެއްވަމުން، ޤާނޫނީ ވަކީލާ ސަފާ ޝަރީފް ވިދާޅުވީ، މި ނިޒާމުގައި ޝަކުވާ ހުށަހެޅުމަށް ދެ މަސްދުވަހުގެ މުއްދަތެއް ކަނޑައެޅޭނެ ކަމަށާއި، އެ މުއްދަތުގައި ވީހާވެސް ގިނަ ބަޔަކު އެ ކަމުގައި ބައިވެރިކޮށްގެން ޝަކުވާ އެއްކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.
ޕެނަލްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ފަލާހު ވިދާޅުވީ، ގިނަ ދާއިރާތަކަކުން ގެއްލިފައިވާ ޙައްޤުތައްކަށް މި ޤާނޫނުގެ ދަށުން އިންސާފު ލިބިގެންދާނެ ކަމަށެވެ.
ބުރާސްފަތި ދުވަހުގެރޭ ކުރިއަށް ދިޔަ ޕެނަލްގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ، އިންތިގާލީ އަދާލަތާއި ގުޅޭގޮތުން މައުލޫމާތު އުނގެނި، މައުލުމާތު ސާފުކޮށްފައިވެއެވެ.