އޭސީސީން އާންމު ކުރި އެމްއެމްޕީއާރްސީގެ ޙިޔާނާތުގެ ރިޕޯޓާ ގުޅިގެން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހުލޫފާއި މިނިސްޓްރީ އޮފް ޕްލޭނިންގގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުންޏާ އެކު ކުރެއްވި ފައިސާގެ މުއާމަލާތާއި ގުޅިގެން ދެ ބޭފުޅުންގެ ގޭގައި މަޑުކުރައްވަން އެންގެވީ މައްސަލަ ތަހުގީގު ކޮށް ނިމެންދެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި މަހުލޫފުގެ އެކައުންޓަށް 33000 ޑޮލަރު ޖަމާވެފައިވާ ކަމަށް ދައްކާ އިރު، އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ވަނީ 30000 ޑޮލަރު ވަދެފައެވެ.
މައްސަލައާ ގުޅިގެން މަހުލޫފް ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވެފައި ވަނީ އެސްއޯއެފް އިން އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގަައި ޖަމާކޮށްފައިވާ ފައިސާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން މިހާ ތަނަށް އަކްރަމް ކަމާލުއްދީން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އޭސީސީން ނެރުނު ރިޕޯޓްގައިވާ ގޮތުން އެމްއެމްޕީއާރުސީން 57 ރަށަކާއި ފަޅެއް ދޫކޮށްފައި ލިބުނު ފައިސާގެ ތެރެއިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރު (192.75 މިލިއަން ރުފިޔާ) އެވެ. ހިޔާނާތްވީ 1.3 ބިލިއަން ރުފިޔާއަށް ވާ ފައިސާގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށެވެ. އަދި އެސްއޯއެފް އިން ވަނީ އެ ފައިސާތައް އެކި އެކައުންޓްތަކަށް ޖަމާކޮށްފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި، މަޖިލިސް މެމްބަރުން އަދި ވިޔަފާރިވެރިން ވެސް ހިމެނެއެވެ.