ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަމުގައި ހުޅުވާފައިވާ އެމެރިކާ ޑޮލަރު އެކައުންޓު ހުޅުވާފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްއިން ފައިސާ ޖަމާކުރުމުގެ 6 ދުވަސް ކުރިންކަން ހާމަ ވެއްޖެއެވެ.
އެންޓިކަރަޕްޝަން ކަމިޝަން (އޭސީސީ)އިން އާންމު ކޮށްފައިވާ ރިޕޯޓްގައިވާ ގޮތުގައި އެމަނިކުފާނުގެ ޑޮލަރު އެކައުންޓް ހުޅުވުމަށް ޖަމާކޮށްފައިވާ 250 ޑޮލަރު ފިޔަވައި ދެން އެކައުންޓަށް ޖަމާކޮށްފައި ވަނީ އެސްއޯއެފުންޖަމާކޮށްފައިވާ އެއްމިލިއަން އެމެރިކާ ޑޮލަރު އެކަންޏެވެ.
އެ މައްސަލާގައި ޔާމީންގެ މައްޗަށް މިހާރު ވަނީ މަނީ ލޯންޑްރިންގ ގެ ދައުވާ އުފުލާފައެވެ.
އެމައްސަލައިގެ ތަހުގީގަށް ރައީސް ޔާމީން އޭސީސީގައި ވިދާޅުވެފައިވަނީ އެކައުންޓަށް ވަން ލާރިއަކީ ސިޔާސީ ގޮތުން ތާއީދު ކުރައްވާ ފަރާތްތަކުން އެމަނިކުފާނުގެ ސިޔާސީ މަސައްކަތްތަކަށް ދީފައިވާ ފައިސާ ކަމަށާއި އެފައިސާތައް ބަލަހައްޓަވަނީ އަދީބު ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު މަރާލުމަށް ރާވައި ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގައި ބައިވެރިވީ އަދީބުކަން ޝައްކުކުރެވުނު ހިސާބުން އަދީބުގެ އަތުގައި ހުރި އެމަނިކުފާނުގެ ފައިސާތައް ދިނުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރެއްވި ކަމަށް އޭސީސީގައި ވިދާޅުވިއެވެ. އެގޮތުން އެސްއޯއެފުން ޖަމާކުރި ފައިސާ އަކީ އޭގެތެރެއިން ޖަމާކުރި ފައިސާ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިސްލާމިކް ބޭންކުގައި ޑޮލަރު އެކައުންޓެއް ހުޅުވާފައިވަނީ 07 އޮކްޓޫބަރު 2015 ގައެވެ. އެއީ ރިޔާސީ ލޯންޗު ކޮޅުގައި ބޮންގޮއްވި ތާރީޚް ކަމަށްވާ 28 ސެޕްޓެންބަރު 2015 ގެ ފަހުންނެވެ.
މިދިޔަ ޖެނުއަރީ މަހުގައި ދެއްވި ޕްރެސް އެއްގައި ޔާމީން ވިދާޅުވީ ލޯންޗުކޮޅުގައި ހިނގި ހާދިސާއަށް ފަހު އެމަނިކުފާނު ފައިސާއެއް ބޭނުންވެގެން އަދީބު ގާތު އެދުމުން، އެމަނިކުފާނުގެ އެކައުންޓަށް، އެމަނިކުފާނުގެ ފައިސާއިން އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް އަދީބް ވިދާޅުވި ކަމަށެވެ. އެސްއޯއެފުން އެމަނިކުފާނަށް އެއްވެސް ލާރިއެއް ދޭންޖެހޭ ސަބަބެއް ނޯންނާނެ ކަމަށާއި އެއީ އެސްއޯއެފުން އެމަނިކުފާނަށް ލިބުނު ލާރިއެއްކަން އެނގޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.
![](https://dyncz33htw1ec.cloudfront.net/posts/1500088723.jpg)
އެހެން ނަމަވެސް އޭސީސީއަށް އަދީބު ދެއްވާފައިވާ ބަޔާނުގައި ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ. އަދީބު ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށް އެއްވެސް މީހެއްގެ ގާތުގައި ބުނެފައި ނުވާނެ ކަމަށެވެ. އަދި ފައިސާތަކެއް ރައީސް ޔާމީނާއި ހަވާލުކުރި ކަމެއް ވެސް ރައީސް ޔާމީންގެ އެކަންޓަށް ޖަމާކުރުމަށް އެމަނިކުފާނު ވިދާޅުވެފައި ނުވާ ކަމަށް އަދީބު ވިދާޅުވިއެވެ.
އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ކޮށްފައިވަނީ ދެ ފަހަރެއްގެ މަތިންނެވެ. އެގޮތުން އޮކްޓޯބަރު، 13، 2015 ގައި 500،000 ޑޮލަރު ޖަމާކުރުމަށް ފަހު އޮކްޓޯބަރު، 15، 2015 ގައި ވެސް 500،000 ޑޮލަރު ވަނީ ޖަމާކޮށްފައެވެ. މިފައިސާ ޖަމާކުރަން ގޮސްފައިވަނީ އެސްއޯއެފްގެ އަޙްމަދު އިޝްފާޙު އަލީ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ އޭސީސީން ބެލީ 2016 ވަނަ އަހަރު އެވެ. އޭސީސީގެ ތަހުގީގަށް ފަހު އެމަނިކުފާނާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އެކްސްކްރޯ އެކައުންޓެއްގައި އެ އެއް މިލިއަނަށްވާ ފައިސާ ބެހެއްޓި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފފައެވެ. އެ ފައިސާ އަކީ އެސްއޯއެފުން ޖަމާކުރި ފައިސާ ނޫން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ މައްޗަށް ތުހްމަތުކުރެވޭ މައްސަލަތަކަކާ ގުޅިގެން ފުލުހުން ފްރީޒްކޮށްފައިވާ އެމަނިކުފާނުގެ އެކައުންޓްތަކަކީ ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކްގައިވާ އެކައުންޓެވެ. އެ ދެ އެކައުންޓްގައި ހުރި ފައިސާގެ އަދަދު 100 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.