Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2017 | ބުރާސްފަތި 21:41
ދިއްދޫ ދާއިރާއިން މެންބަރުން އިތުރުކުރުމުގެ ބޮޑު ހަރަކާތް ފަށަނީ ހުކުރު ދުވަހު
ދިއްދޫ ދާއިރާއިން މެންބަރުން އިތުރުކުރުމުގެ ބޮޑު ހަރަކާތް ފަށަނީ ހުކުރު ދުވަހު
މުހައްމަދު ޝަރުހާން
އެމްޑީޕީ
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
މި ޚާއްޞަ ޙަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 17 ފެބްރުއަރީ 2017 ވާ ހުކުރު ދުވަހުގެ ހަވީރު 4.00 ގައި
މި ކެމްޕޭންގެ ބޭނުމަކީ އިލެކްޝަންސް ކޮމިޝަނުން ވަކި ކުރި މެމްބަރުން އަލުން ޕާޓީއާ ގުޅުމަށް ފުރުޞަތު ދިނުން

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި އެމްޑީޕީ ދިއްދޫ ދާއިރާއިން މެންބަރުން އަލުން ވެއްދުމުގެ ހަރަކާތެއް ފަށަން ނިންމައިފިއެެވެ.

އެމްޑީޕީ ދިއްދޫ ދާއިރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ކެމްޕޭން ފެށުމަށް ނިންމީ  އެޕާޓީއަށް ނިސްބަތްވާ ހއ ދިއްދޫ ދާއިރާގެ ގިނަ މެމްބަރުންތަކެއް ޕާޓީގެ ރަޖިސްޓްރީން އުނިކޮށްފައިވާތީ ކަމަށެވެ.

ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ނުފޫޒުގެ ބޭނުންކޮށް އަދި ވަޒީފާގެ ބިރުދައްކައިގެން ދިއްދޫގެ އެމްޑީޕީގެ އެތައް މެމްބަރުންނެއް މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވަމުން ގެންދާކަމަށް ވެސް ދިއްދޫ ދާއިރާއިން ތުހުމަތުކުރެއެވެ.

ދިއްދޫ ރާއިރާއިން ބުނިގޮތުގައި މި ހަރަކާތްފަށަން ޖެހުނީ، ސިޔާސީ ނުފޫޒުން އެމްޑީޕީގެ އެދާއިރާގެ މެންބަރުން ތަކެއް ވަކިކޮށް ފައިވާތީ އެ މެމްބަރުން އަލުން އެމްޑީޕީއަށް ވަނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށެވެ.

 ހއ ދިއްދޫގައި "ހަމަ ކެނޑީ، އަލުން ވަނީ" ގެ މި ޚާއްޞަ ޙަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 17 ފެބްރުއަރީ 2017 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ހއ ދިއްދޫގައި ހުންނަ އެމްޑީޕީގެ މުންޑު ޖަގަހައިގައިކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ޙަރަކާތް ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ކުރިއަށް ގެންދާނެކަމަށް ދިއްދޫ ދާއިރާއިން ހާމަކުރެއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނައި އިޞްލާޙުގެ ކުރިން އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ހއ ދިއްދޫ ދާއިރާއަށް ނިސްބަތްވާ 809 މެމްބަރުން ތިބެއެވެ.

އިޞްލާޙާ ގުޅިގެން ފިންގަރޕްރިންޓް ނެތް ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ހއ ދިއްދޫ ދާއިރާގެ އެމްޑީޕީގެ 124 މެމްބަރުން ޕާޓީގެ ރަޖިސްޓްރީން ވަނީ އުނިކޮށްފައެވެ. އޭގެ ތެރޭގައި، ހއ ދިއްދޫ ދާއިރާގެ ރައީސާއި، ނައިބު ރައީސްގެ އިތުރުން، އެމްޑީޕީގެ ހިންގާ ކޮމިޓީގެ ބައެއް މެމްބަރުންނާއި، ކައުންސިލަރުންނާއި ގިނަ ޢަދަދެއްގެ އެކްޓިވިސްޓުން ވެސް ހިމެނެއެވެ.

ދިއްދޫ ދާއިާރގެ އެމްޑީޕީ ގޮފިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދިއްދޫގައި ހުންނަ ފެނަކަ ރީޖަނަލް އޮފީހާއި، އެސްޓީއޯ ބޭސް ފިހާރައާއި، ހއ ދިއްދޫ އިންޖީނުގޭ މުވައްޒަފުންނަށް ބިރު ދައްކައިގެން ޕީޕީއެމަށް ސޮއިކޮށްފައިވާއިރު، އޭގެ ތެރޭގައި ވެސް ގިނަ ޢަދަދަކަށް އެމްޑީޕީގެ މެމްބަރުން ހިމެނޭކަމަށެވެެ.

އެހެންކަމުން މި ކެމްޕޭންގެ ބޭނުމަކީ އެ ފަރާތްތަކަށް އަލުން ޕާޓީއާ ގުޅުމަށް ފުރުޞަތު ފަހިކޮށްދިނުމާއި، އެމްޑީޕީއާ އަލަށް ގުޅެން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުޞަތު ފަހިކޮށް ދިނުންކަމަށް ދިއްދޫ ދާއިރާގެ މި ބަޔާނުގައި ވެއެވެ.

އެމްޑީޕީގެ ހއ ދިއްދޫ ދާއިރާގެ ސެކްރެޓަރީ ޖެނެރަލް ޢަލީ ހާޝިމް ވިދާޅުވީ، އެމްޑީޕީއާ ގުޅުމަށް ދިއްދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ޒުވާނުން ބޭނުން ވާކަމަށެވެ. އަދި، އެމްޑީޕީއަށް މެމްބަރުން ވަންނަ އެންމެ ބޮޑު ސަބަބަކީ، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ދޯދިޔާކަމާއި، ސަރުކާރުގެ ކޮރަޕްޝަން އިންތިހާއަށް މައްޗަށް ގޮސް، ގައުމު މުޅިން ފުނޑުފުނޑުވެގެންދާތީ، އެކަމާ ނުރުހުމުގެ ގޮތުންކަމަށް އޭނާ ވިދާޅުވިއެވެެ.

" މީގެ ކުރިން އެމްޑީޕީގެ ސިޔާސަތުތަކާ ދެކޮޅު އެތައް ފަރާތްތަކެއް ވެސް މިހާރު އެމްޑީޕީގެ ސިޔާސަތުތައް ބަލައިގަނެޭ. އެމްޑީޕީއަކީ ޙަޤީޤަތުގައި ވެސް ރައްޔިތުންނަށް ހެޔޮ އެދޭ ޕާޓީއެއް ކަމަށް ޤަބޫލުކުރޭ ގިނަ މީހުން" އެމްޑީޕީގެ ހއ. ދިއްދޫ ދާއިރާގެ ސެކްރެޓަރީ ޖެނެރަލް ޢަލީ ހާޝިމް ވިދާޅުވިއެވެ.

ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް ދަތިވާ ވަރަށް ތަކެތީގެ އަގު މައްޗަށް ދިޔުމާއި، ކަރަންޓް ބިލް ބޮޑުވުމާއި، ބޭއިންސާފު ރާއްޖޭގައި ޢާންމު ވެފައިވާލެއް ބޮޑު ކަމީ ވެސް އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީއަށް މެމްބަރުން ވަނުމަށް ބޭނުންވާ ސަބަބުތަކެވެ.

"ހަމަ ކެނޑީ، އަލުން ވަނީ" ޙަރަކާތް ދިއްދޫގައި ކުރިއަށް ގެންދިޔަނަމަވެސް، މި ޙަރަކާތުގައި އެމްޑީޕީގެ މެމްބަރަކަށް ވުމަށް އެދޭ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެ ފުރުޞަތު އޮންނާނެ ކަމަށް އެމްޑީޕީގެ ހއ ދިއްދޫ ދާއިރާއިން ހާމަކުރެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
16 ފެބްރުއަރީ 2017 | ބުރާސްފަތި 19:24
ކައްކަކާކޯ
ވަރަށް ބަރާބަރު ޔާމީނު މިފަހަރު ސައިޒަށް ކަނޑާލަން ޖެހޭނެ