Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2017 | ބުރާސްފަތި 20:44
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކުރުމުގެ ރަސްމީއްޔާތުގެ ތެެރއިން
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކުރުމުގެ ރަސްމީއްޔާތުގެ ތެެރއިން
ރާއްޖެއެމްވީ
އައްޑޫ ސިޓީ
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
މި މަޝްރޫޢުއަކީ އޮޕެކް ފަންޑްގެ ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މަޝްރޫޢުއެއް

އައްޑޫ ސިޓީ ފަސް ރަށުގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފިއެވެ.

 

ސ. މަރަދޫ، ސ. މަރަދޫފޭދޫ، ސ. ފޭދ ސ. ހުޅުދޫ އަދި ސ. މީދޫގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކަޓިވް އޮފިސަރ އިބްރާހިމް ޒިޔަތެވެ.

މި މަޝްރޫޢުއަކީ އޮޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މި މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ޙަވާލު ކުރެވިފައިވަނީ 130,650,218(ސަތޭކަ ތިރީސް މިލިއަން ހަ ސަތޭކަ ފަންސާސް ހާސް ދުއިސައްތަ އަށާރަ ރުފިޔާ) އަށެވެ.

މިމަޝްރޫޢުގެ ދަށުން 38 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކުރެވޭނެއެވެ. އަދި 3387 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބެހެއްޓޭނެއެވެ. މި މަޝްރޫޢު ނިމޭއިރު ސ. މަރަދޫ، ސ. މަރަދޫފޭދޫ އަދި ސ. ފޭދޫގައި ނަރުދަމާގެ ޚިދުމަތް ޤާއިމްވެ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުޢައްސަސާތަކަށް ނަރުދަމާގެ ޚިދުމަތް ގުޅާ ދެވޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތަކީ މިއެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 15 މަސް ދުވަހެވެ.

މީގެ އިތުރުން ސ. ހުޅުދޫ އަދި ސ. މީދޫގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތް ޙަވާލުކޮށްފައި ވަނީ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ.

މި މަޝްރޫޢު ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ޙަވާލު ކުރެވިފައިވަނީ 113,916,899 (ސަތޭކަ ތޭރަ މިލިއަން ނުވަ ސަތޭކަ ސޯޅަ ހާސް އަށް ސަތޭކަ ނުވަދިހަ ނުވަ ރުފިޔާ) އަށެވެ.

މިމަޝްރޫޢުގެ ދަށުން 31.2 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމުކުރެވޭނެއެވެ. އަދި 1885 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބެހެއްޓޭނެއެވެ. މި މަޝްރޫޢު ނިމޭއިރު ސ. ހުޅުދޫއާއި ސ. މީދޫގައި ނަރުދަމާގެ ޚިދުމަތް ޤާއިމުވެ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުޢައްސަސާތަކަށް ނަރުދަމާގެ ޚިދުމަތް ގުޅާ ދެވޭނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 12 މަސް ދުވަހެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް