ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.
ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ފެށުމުގެ ގޮތުން ގްލޯބަލް މަނީ ވީކަށް ޚާއްސަކޮށްފައިވާ ފޭސްބުކު ޕޭޖްގައި މިއަދު އާންމުކޮށްފައިވާ ވީޑިއޯ މެސެޖްގައި ގަވަރުނަރު ވިދާޅުވީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން އެކި ހަރަކާތްތައް އެމްއެމްއޭ އިން އިސްނަގައިގެން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވި ގޮތުގައި މި ހަރަކާތުގެ އަމާޒަކީ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އިޤްތިސާދީ ހޭލުންތެރިކަން އިތުރުކުރުމާއި ފައިސާގެ މުހިންމުކަމާއި އިޤްތިސާދުކުރެވޭނެ ރަނގަޅު ގޮތްތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން ކުޑައިރުއްސުރެ ކުދިންނަށް ފައިސާގެ މުހިއްމު ކަމާއި އިގްތިސާދުކުރެވޭނެ ރަނގަޅު ގޮތްތައް ކިޔާދޭންޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
ގްލޯބަލް މަނީވީކަކީ ޗިލްޑްރަން އެންޑް ޔޫތް ފައިނޭންސް އިންޓަރނޭޝަނަލުން އިސްނަގައިގެން 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ބައިނަލްއަޤްވާމީ ބޮޑު ކެމްޕޭނެކެވެ.
މި އަހަރު ރާއްޖޭގައި ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަށް ކުރިއަށްދާނީ އެމްއެމްއޭގެ އިސްނެގުމާ އެކު އެޑިއުކޭޝަން މިނިސްޓްރީ އާއި މާލީ ދާއިރާގެ ފަރާތްތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކުގައެވެ. މި އަހަރަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި، ސްކޫލްތަކާ ގުޅިގެން ހިންގާ އެކިއެކި ހަރަކާތްތަކާއި ކުރެހުމުގެ މުބާރާތަކާއި ވީޑިއޯ ސްކިޓް ހެދުން އަދި ޒުވާން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ވިޔަފާރީގެ ފޯރަމެއް ބޭއްވުން ހިމެނެއެވެ. މީގެ އިތުރުން، ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންގެ ހަވީރަކުންނެވެ.
ގްލޯބަލް މަނީ ވީކްގެ ރާއްޖޭގެ ހަރަކާތްތައް "ގްލޯބަލް މަނީ ވީކް މޯލްޑިވްސް" ފޭސްބުކް ޕޭޖުން ފެންނާނެއެވެ. މި ޕޭޖްގައި ވަނީ 'ލައިކް ޝެއާ އެންޑް ވިން' ޕްރޮމޯޝަނެއް ފަށާފައެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް 5000ރ ގެ ހަނދާނީ ނޫޓެއް ދިނުމަށް އެމްއެމްއޭ އިން ނިންމާފައެވެ.