ކ. މާލެ
|
12 ފެބްރުއަރީ 2019 | އަންގާރަ 21:16
އާމިރު ޚާން އާއި މާދުރީ ޑިކްސިޓް
އާމިރު ޚާން އާއި މާދުރީ ޑިކްސިޓް
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
އާމިރު އާއި މާދުރީ އާ އެކު ދިލް ގެ ސީކުއެލް އެއް ހަދަނީ
 ސީކުއެލް އަށް ކިޔުމަށް ނިންމާފައިވާ ނަމަކީ "ދިލް އަގެއިން"

އާމިރުޚާން އާއި މާދްރީ ޑިކްސިޓް ލީޑް ރޯލުން ފެނިގެންދިޔަ ފިލްމް "ދިލް"ގެ ސީކުއެލް އެއް ހެދުމަށް ނިންމާފައިވާ ކަމަށް ފިލްމްގެ ޑައިރެކްޓަރު އިންދްރަ ކުމާރު ބުނެފިއެވެ.

އާމިރު އާއި މާދްރީ އާއި އެކު ހަދާ "ދިލް" ސީކުއެލް އަށް ކިޔުމަށް ނިންމާފައިވާ ނަމަކީ "ދިލް އަގެއިން" އެވެ.

މި މަހުގެ 22 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ޓޯޓަލް ދަމާލް" ގެ ވެސް ޑައިރެކްޓަރ އިންދްރަ ކުމާރު "ހިންދުސްތާން ޓައިމްސް" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާގެ އަތުގައި ހަ ސްކްރިޕްޓެއް އެބައޮތް ކަމަށާއި އެ ތަނުން އެއް ސްކްރިޕްޓަކީ "ދިލް އަގެއިން" ގެ ސްކްރިޕްޓް ކަމަށެވެ. ނަމަވެސް ދެން އެންމެ އަވަހަށް ފަށާނީ އެ ފިލްމްގެ މަސައްކަތް ކަމެއް އަދި ޔަގީން ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ވަގުތު އެނާގެ ފޯކަސް ހުރީ "ޓޯޓަލް ދަމާލް" އަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

1990 ވަނަ އަހަރު ރިލީޒް ކުރި "ދިލް" ގައި އާމިރު ޚާން އާއި މަދޫރީގެ އިތުރުން އަނޫޕަމް ކޭރް އަދި ސައީދު ޖެފްރީ ވަނީ ފެނިގެންގޮސްފައެވެ.

މި ފިލްމްގައި ދައްކުވައިދެނީ އެކަކު އަނެކަކު ދެކެ ނަފްރަތުކުރާ ދެމީހުން ފަހުން އެކަކު އަނެކަކު ދެކެ ލޯބިވެގެން އުޅޭ މަންޒަރެވެ.

މި ފިލްމުގައި މަދޫރީ ކުޅެފައިވާ ރޯލަށް އޭނާއަށް ވަނީ ފިލްމް ފެއަރ އެވޯޑްވެސް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް