ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2018 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ހައެއް އިންސައްތަ އިތުރުވެއްޖެއެވެ.
ނިމިދިޔަ އަހަރުގެ ޖެނުއަރީ މަހު ދިވެހިރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، މި އަހަރުގެ ޖެނުއަރީ މަހު މި ޢަދަދުވަނީ ހަތަރު ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ވޭތުވެދިޔަ ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލާއި އެކްސްޕޯޓްކުރެވުނު މުދާ އަދި ކަސްޓަމްސްއަށް ލިބުނު އާމްދަނީއަށް ބަލާއިރު 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އެކްސްޕޯޓް ކޮށްފައި ވަނީ 473.2 މިލިއަން ރުފިޔާގެ މުދަލެވެ. އަދި 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު އެކްސްޕޯޓް ކުރި މުދަލަށް ވަނީ 342.6 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ 28 އިންސައްތަ ދަށް އަދަދެއް ކަމަށް ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.
މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުވަނީ 268 މިލިއަން ރުފިޔާ ލިބިފައެވެ. އަދި 2019 ޖެނިއަރީ މަހު ވަނީ ލިބިފައިވަނީ 306.6 މިލިއަން ރުފިޔާ ކަމަށްވާއިރު މިއީ 14.39 އިންސައްތަ އިތުރު އަދަދެއް ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 21 އިންސައްތަ ޔޫ.އޭއީ އިން އިމްޕޯޓްކޮށްފައިވާއިރު، ޗައިނާ އިން 16 އިންސައްތަ އަދި ސިންގަޕޫރުން 10 އިންސައްތަ މުދާ ވަނީ އެތެރެކޮށްފައިވެއެވެ.
ވޭތުވެދިޔަ ޖެނުއަރީ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި ޤައުމުތަކުގެ ލިސްޓްގައި ހިމެނޭ ޤައުމުތަކަކީ އިންޑިއާ، މެލޭޝިޔާ، ޖަރުމަނުވިލާތް، ޔުނައިޓެޑް ސްޓޭޓްސް، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ތައިލެންޑްއެވެ.