Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2017 | ބުރާސްފަތި 18:04
އެމްއެމްއޭ
އެމްއެމްއޭ
ގޫގުލް
ދައުލަތުގެ ރިޒާވް
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
އިންޑިޔާގެ ރިޒާވް ބޭންކުން 100 މިލިއަން ޑޮލަރު ނަގާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު
މިއީ ރާއްޖޭގެ ރިޒާވް ހަމަޖެއްސުމަށް ނެގި ފައިސާއެއް
މިއީ ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ

ރާއްޖޭގެ ރިޒާވް ހަމަޖެއްސުމަށް އިންޑިޔާގެ ރިޒާވް ބޭންކުން 100 މިލިއަން ޑޮލަރު ދަރަންޏަށް ނެގުމުން ތިން މަސް ފަހުން  ގާތްގަނޑަކަށް ދެ ބިލިއަން ދިވެހި ރުފިޔާ ދިވެހި ސަރުކާރުން ދައްކަން ޖެހިއްޖެ އެވެ.

މިިދިޔަ ޑިސެމްބަރު މަހު ދިވެހިރާއްޖޭގެ ރިޒާވް ހަމަޖެއްސުމަށްޓަކައި ރިޒާވް ބޭންކް އޮފް އިންޑިޔާ އިން 100 މިލިއަން ޑޮލަރު ނެގީ އެއަށްވާ ދިވެހި ފައިސާ އެ ބޭންކްގައި ބެހެއްޓުމަށް ފަހު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައި ވެއެވެ.

އެމްއެމްއޭ އިން ބުނީ ރިޒާވް ބޭންކް އޮފް އިންޑިޔާ އިން 100 މިލިއަން ޑޮލަރު ރާއްޖޭގެ ސަރުކާރަށް ދީފައިވަނީ ސްވެޕް އެރޭންޖްމެންޓެއްގެ ދަށުން ކަމަށެވެ. ސްވެޕް އެރޭންޖްމެންޓަކީ އެގައުމެއްގެ އަމިއްލަ ފައިސާ އާއި ޑޮލަރު ނުވަތަ އެނޫން ވެސް އެހެން ފައިސާއަކާ ބަދަލު ކުރުމުގެ މުއާމަލާތަށް ކިޔާ ނަމެކެވެ.

މިއީ ސާކްގެ ހުރިހާ ގައުމަކަށް ރިޒާވް ބޭންކް އޮފް އިންޑިޔާ އިން ހަމަޖައްސާފައިވާ ކުރު މުއްދަތުގެ ފައިސާގެ މުއާމަލާތެކެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެމްއޭ އިން ބުނީ، 100 މިލިއަން ޑޮލަރު އެމްއެމްއޭ އިން އިންޑިޔާގެ ރިޒާވުން ނަގާފައިވަނީ ސާކް ގައުމުތަކަށް އޮންނަ ޚާއްސަ އިނާޔަތެއްގެ ދަށުން ކަމަށެވެ. އަދި މިއީ މި އިނާޔަތުގެ ބޭނުން ރާއްޖެ އިން ހިފި ފުރަތަމަ ފަހަރު ކަަމަށް ވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

އެފައިސާ ނަގާފައި ވަނީ ދިވެހި ރާއްޖޭގެ ރިޒާވް ހަމަޖެއްސުމަށް ކަމަށާއި މިއީ ތިން މަސް ފަހުން އަނބުރާ ދައްކަން ޖެހޭ ގޮތަށް ނެގި އަދަދެއް ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

އިންޑިޔާގެ ރިޒާވް ބޭންކުން 100 މިލިއަން ޑޮލަރު ނަގާފައިވާ އިރު މިއީ ދިވެހި ރުފިޔާ އިން ނަމަ، 1.5 ބިލިއަން ރުފިޔާ އެވެ. މި ފައިސާ ނަގާފައި ވަނީ ތިން މަހުގެ ތެރޭގައި ތިން ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއްގައެވެ. އެހެންކަމުން ދިވެހި ސަރުކާރުން 1.5 ބިލިއަން ރުފިޔާގެ އިތުރަށް 46 މިލިއަން ރުފިޔާ އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަން ޖެހެއެވެ. އެމްއެމްއޭ އިން ބުނީ މި ފައިސާ ސަރުކާރުން އަނބުރާ ދައްކަން ކަނޑައަޅާފައި ވަނީ ބްލެޓް ޕޭމެންޓް ނުވަތަ ހުރިހާ ފައިސާއެއް އެއްފަހަރާ ދައްކާ ގޮތަށް ކަމަށެވެ. އެހެން ކަމަށްވާ ނަމަ މި ފައިސާ އޭޕްރީލް މަހުގެ ތެރޭގައި ދައްކަން ޖެހޭ އިރު ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ ދިވެހި ސަރުކާރުން އަނބުރާ ދައްކަން ޖެހެއެވެ.

އެމްއެމްއޭ އިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު ޑިސެންބަރު މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 200 މިލިއަން ޑޮލަރަށް އަރާފަ އެވެ.

ދައުލަތުގެ ރިޒާވް ހަމަޖެއްސުމަށް 100 މިލިއަން ޑޮލަރު ނަގާފައިވާ އިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމުގައިވާ އެއަރޕޯޓްސް ކޮމްޕެނީ އަށް 140  މިލިއަން ޑޮލަރު ކޯޕަރޭޓް ބޮންޑްގެ ގޮތުގައި އެމްއެމްއޭ އިން ވަނީ ވިއްކާފަ އެވެ. އަދި  މި ބޮންޑަކީ ރާއްޖޭގެ މާކެޓަށް ވިއްކާފައިވާ ބޭރު ފައިސާގެ ބޮންޑަކަށް ވާތީ އެމްއެމްއޭގެ ޔޫޒަބަލް ރިޒަރވްގައި މިއަދަދު ހިމެނިފަ ނުވާ ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ދެއްކުމަށް އިތުރު ދަރަނި ނަގަން ޖެހޭ ހާލަތަށް ވެއްޓިފައިވާ އިރު 2017 ވަނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 892.1 މިލިއަން ޔޫއެސް ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިދިއަ އަހަރުގައި މިއަދަދު އުޅެނީ 666.7 މިލިއަން ޑޮލަރުގަ އެވެ.

މީގެ އިތުރުން ވެސް ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކަށާއި ސަރުކާރުގެ ޚަރަދުތައް މެނޭޖް ކުރުމަށްޓަކާ 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑް ވިއްކުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް