ގދ. ފަރެސްމާތޮޑާގައި ލޯޑަރެއްގެ ދަށުވެގެން ކުއްޖަކު މަރުވި މައްސަލައިގައި، ލޯޑަރު ދުއްވަން އިން މީހާގެ މައްޗަށް ދައުވާ ކޮށްފިއެވެ.
ލޯޑަރު ދުއްވަން އިން، ސ. މީދޫ އިރުމަތީގޭ ޒާހިދު ހަސަންގެ މައްޗަށް ކޮށްފައިވަނީ މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ.
ގާނޫނުލްއުގޫބާތުގެ 111 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ކޮށްފައިވާ އެ ދައުވާ ސާބިތުވެއްޖެނަމަ ގިނަވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޒާހިދުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ފެށުމަށް ބުދަ ދުވަހަށް ތާވަލުކުރި ނަމަވެސް، އޭނާ ހާޒިރުވެފައި ނުވާތީ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.
މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ހިނގި އެ ހާދިސާގައި ލޯޑަރު ދަށުވެގެން މަރުވެފައިވަނީ އުމުރުން 10 އަހަރުގެ އަމާނުﷲއެވެ. އޭނާ މަރުވީ ލިބުނު ޒަޚަމްތަކަށް ފަރުވާ ދިނުމަށް ގދ. ތިނަދޫ އަށް ގެންދިޔަ މަގުމަތީއެވެ.
އިހުމާލުގެ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ މައްސަލަތަކުގައި ދައުވާ ކުރުމަކީ މީގެ ކުރިން އެހާ އާންމު ކަމަކަށް ނުވި ނަމަވެސް، ފަހަކަށް އައިސް މިފަދަ ހާދިސާތަކާ ގުޅިގެން ދައުވާ ކޮށްފައި ވެއެވެ.
އެގޮތުން ހުޅުމާލޭގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަންހެނަކު މަރުވި މައްސަލައިގައި ކާރު ދުއްވަން އިން މީހާގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ. އަދި ވ. ރަކީދޫގައި މަންމަގެ އަނިޔާތަކުގެ ސަބަބުން މުހައްމަދު އިބްތިހާލް މަރުވި މައްސަލައިގައި އިހުމާލުވެފައިވާ ކަމަށް ބުނެ ދައުލަތުގެ ފަސް މުވައްޒަފެއްގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފައެވެ. އަދި ދޯންޏަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ ފަތުރުވެރިއަކު މަރުވި މައްސަލައިގައި ލޯންޗު ކެޕްޓަންގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފައެވެ.