މާފުށީ ޖަލުގައި ގައިދީންނަށް ބޮޑެތި އަނިޔާތަކެއް ކުރާކަމަށްބުނެ ހުކުމް ތަންފީޒުކުރައްވަމުންގެންދަވާ ގަލޮޅު ދެކުނުދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ކުރެއްވި ތުހުމަތު ތަކާ ގުޅިގެން ހިއުމަންރައިޓްސް ކޮމިޝަނުގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުން ވެސް އެ ކޮމިޝަނުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
މި މަހުގެ 11 ވަނަ ދުވަހު މަހުލޫފް ނެރުއްވާފައިވާ ބަޔާނެއްގައި އޭނާ ވަނީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ވެސް ހިމެނޭގޮތުން ޖަލުގައި އެތައް ގައިދީންނަކަށް އަނިޔާ ކުރާ ކަމަށް ވިދާޅުވެފައެވެ.
މަހުލޫފް ތުހުމަތު ކުރެއްވި ބައެއް ކަންކަން
- ގައިދީންނަށް ދޭ ކެއުން ދެރަ
- ބޭސްފަރުވާ ރަނގަޅަށް ފޯރުކޮށްނުދޭ
- ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ކޮންކްރީޓް ހޮހޮޅައެއްގައި އިރަށް ދޮންވާ ގޮތަށް އޮންނަތާ އަހަރެއް
ދެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މަހުލޫފު، ފުރަތަމަ ޖަލަށް ގެންގޮސްފައިވަނީ ފުލުހުންގެ ދައުރު އަދާ ކުރަން ދަތިކުރި ކަމަށްބުނާ މައްސަލައެއް ސާބިތުކޮށްގެންނެވެ. ހަތަރު މަހަށް ޖަލަށް ލުމަށް އިއްވި އެ ހުކުމް އިއްވާފައިވަނީ ޖުލައި 18، 2016ގައެވެ.
މަހްލޫފު ފާހަގަކުރެއްވި ގޮތުގައި އޭނާ ޖަލަށް ލި ފަހުން، މިދިޔަ މުއްދަތުގެ ތެރޭގައި ފަސް ގައިދީއަކު "ހަގީގަތް ނޭނގޭ ގޮތަށް" ވަނީ މަރުވެފަ އެވެ.
އެ މުއްދަތުގެ ތެރޭގައި ޖަލުގައި ފަސްގައިދީން މަރުވިކަން ކަރެކްޝަނަލް ސާވިސަސްއިން މީޑިއާތަކަށް ދީފައިވާ މައުލޫމާތުން ވެސް އެނގޭއިރު، ހިއުމަންރައިޓްސް ކޮމިޝަނުން މިއިން އެއްވެސް މައްސަލައެއްގައި މީޑިއާއަށް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމިޝަނުން ޖަވާބު ނުލިބުން
މި މަހުގެ 11 ވަނަ ދުވަހު މަހުލޫފް ނެރުއްވާފައިވާ ބަޔާނާ ގުޅިގެން ކޮމިޝަނަށް ގުޅުމުން ކޮމިޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ ޖަލުތަކާބެހޭ މައުލޫމާތު ދެއްވާނީ ކޮމިޝަނުގެ ނައިބް ރައީސް ޝިފާގު މުފީދު ކަމަށެވެ. 12 ވީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ގުޅުމުން ވެސް އަދި މެސެޖް ކުރުމުން ވެސް ޝިފާގު ފޯނަށް ޖަވާބުދެއްވާފައެއް ނުވެއެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ބުނާ ގޮތުގައި ތަހުގީގު ކުރަމުންދާ މައްސަލަަކާ ބެހޭގޮތުން މައުލޫމާތު ދެއްވާނީ ޝިފާގުއެވެ.
ޖަލުތަކާމެދު ހިއުމަން ރައިޓްސް ކޮމިޝަނުގެ ދައުރު
ދިވެހި ރާއްޖެއަށް ޑިމޮކްރެޓިކް އިސްލާހީ ބަދަލުތައް ގެންނަން ފެށުމުގެ ތެރެއިން އާ ގާނޫނު އަސާސީ ތަސްދީގުކުރުމުގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަނެއް އެކުލަވާލެވުނު އިރު މިއިން ކޮންމެ ކޮމިޝަނަކުން ވެސް ކުރިން އެންގުމަކާ ނުލައި ޖަލުތަކަށް ޒިޔާރަތްކޮށް ހާލަތު ބަލާފައިވާއިރު، މިހާރު ތިއްބެވި މެންބަރުން ވަޑައިގަތްފަހުން އަދި އެފަދަ ގޮތަކަށް ޖަލުތަކަށް ޒިޔާރަތްކޮށްފައި ނުވާކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ޢާއްމުކޮށް ޖަލުތަކަށް އަންގައިގެން ކުރާ ޒިޔާރަތްތަކާ ބެހޭގޮތުން ވެސް ކޮމިޝަނުން މައުލޫމާތު ހާމައެއް ނުކުރެއެވެ.
ދިވެހިރާއްޖޭގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާ ކުރުމަކީ ސަގާފަތެއްގެ ގޮތުގައި އޮތްއިރު އިސްލާހީ ބަދަލުތަކުގައި ރޫހެއްޖެހިގެން އައިސްފައިވަނީ ވެސް ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިއަ ޒުވާނަކު މަރާލި ހާދިސާއިންނެވެ.