ކ. މާލެ
|
11 ފެބްރުއަރީ 2019 | ހޯމަ 08:28
ޔުވަންޓަސްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޔުވަންޓަސްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
އިޓާލިއަން ލީގު
އިޓާލިއަން ލީގު: ރޮނާލްޑޯގެ މޮޅު ކުޅުމާއެކު ޔުވަންޓަސްއަށް 11 ޕޮއިންޓްގެ ލީޑެއް
ސަސޫލޯ އަތުން ޔުވަންޓަސް މޮޅުވީ 0-3 ގެ ނަތީޖާއަކުން

ކްރިސްޓިއާނޯ ރޮނާލްޑޯގެ މޮޅު ކުޅުމާއެކު، އިޓާލިއަން ލީގުގެ އެއްވަނައިގައި ޔުވަންޓަސްއިން 11 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ސަސޫލޯއާ ދެކޮޅަށް ކުޅުނު މެޗު ޔުވަންޓަސްއިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

ސަސޫލޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ޔުވަންޓަސްއިންނެވެ. އެގޮތުން އެޓީމުން ވަނީ ސަސޫލޯގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތައް އުފައްދާފައެވެ.

ޔުވަންޓަސްއިން މެޗުގެ ލީޑު ނެގީ 23 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އޭރިޔާ ބޭރުން ރޮނާލްޑޯ ފޮނުވާލި ބޯޅަ ސަސޫލޯގެ ކީޕަރު ދިފާއުކުރުމުން ރީބައުންސްގެ ގޮތުގައި ކެދީރާއަށް ލިބުމުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑަށްފަހުވެސް ޔުވަންޓަސްގެ ފަރާތުން ގިނަ ހަމަލާތަކެއް ވަނީ ފެނިގެންގޮސްފައެވެ. މި ހާފްގައި ސަސޫލޯގެ ފަރާތުންވެސް ހަމަލާތަކެއް ވަނީ ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފް ނިމުނީ ކެދީރާގެ ލަނޑުން ސަސޫލޯގެ މައްޗަށް 0-1 ގެ ނަތީޖާއިން ޔުވަންޓަސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ޔުވަންޓަސްއިންނެވެ. އެގޮތުން 70 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރީ ރޮނާލްޑޯއެވެ.

މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ޔުވަންޓަސްއިން ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރީ ރޮނާލްޑޯގެ އެހީތެރިކަމާއެކު ކޭންއެވެ.

މި ނަތީޖާއާއެކު ޔުވަންޓަސް އޮތީ ކުޅުނު 23 މެޗުން ލިބުނު 63 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ސަސޫލޯ އޮތީ ކުޅުނު 23 މެޗުން ލިބުނު 30 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް