ދިވެހި ރާއްޖޭގެ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިންމުމުގެ ބާރެއް ރައީސް އަބްދުﷲ ޔާމީނަކަށް ނޯންނާނެ ކަމަށް އެޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ހަރަގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވެޑައިގެންފި ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން އެކަމާ ކަންބޮޑުވެވަޑައިގެން ކޮންމެ ވާހަކަފުޅެއް ދެއްކެވި ނަމަވެސް ، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ނިންމާނީ އެޕާޓީގެ އާންމު މެމްބަރުން ކަމަށް ޝިފާޒް ވިދާޅުވިއެވެ.
"ރައީސް ނަޝީދު އަލުން އަނބުރާ އަޅުގަނޑުމެންގެ މައްޗަށް ވެރިކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވުން ، އަބްދުﷲ ޔާމީނަން ގޭގައި މަޑަކުން ނޯއްވެވޭނެ" ޝިފާޒް ވިދާޅުވިއެވެ.
އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ރައީސް ނަޝީދު ލަންކާއަށް ވަޑައިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި މަޝްވަރާ ކުރެއްވުމަށް ފަހު ވަނީ އެމަނިކުފާން 2018 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފައެވެ. ރިޔާސީ ކެންޑިޑެންސީ ހޯއްދެވުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަން ހޯއްދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުމުން ރައީސް އަބްދުﷲ ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
ޝިފާޒް ވިދާޅުވީ ރައީސް ނަޝީދު ކުރިމަތިލައްވާނެކަން އިއުލާން ކުރެއްވުމާ ގުޅިގެން ވެރިކަންކުރާ ޕީޕީއެމުން ބާރާއި ނުފޫޒްގެ ބޭނުންކޮށް ރައްޔިތުން އަޅުވެތި ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެން ނަމަވެސް އެ ދަތި ހާލުގައި އެމްޑީޕީގެ 25،000 މެމްބަރުން ނުކުމެ ޗެއާޕާސަން އިންތިހާބުގެ ވޯޓްގައި ބައިވެރިވުމަކީ ރައީސް އަބްދުﷲ ޔާމީން ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ.
އެމްޑީޕީގެ 25000 މެމްބަރުން ނުކުމެ ޗެއާޕާސަން އިންތިހާބުގެ ވޯޓްގައި ބައިވެރިވީ ، އެޕާޓީގެ ލީޑަރޝިފްގެ މެމްބަރުން މަގު މައްޗަށް ނުކުމެ އާދޭސްކޮށްގެން ނޫން ކަމަށާއި އެ މެމްބަރުން ނުކުމެ ވޯޓްގައި ބައިވެރިވީ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަން ޙިދުމަތްތަކެއް ކޮށްދީފައިވާތީ ކަމަށެވެ. އެމްޑީޕީ ސަރުކާރުގައި ވެސް އެޕާޓީއަށް ސޮއި ކުރަމަށް ރައްޔިތުންނަން މަޖުބޫރު ނުކުރާ ކަމަށް ޝިފާޒް ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީން އަކީ ދިވެހި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަކަށްވީ އެޕާޓީގެ ވެރިކަމުގައި ވަޒީރުން މަގުމައްޗަށް ނުކުންނަވާ ރައްޔިތުންގެ ސޮއި ހޯއްދައިގެން ނޫން ކަމަށް ޝީފާޒް ވިދާޅުވިއެވެ.