ރައީސް އަބްދުﷲ ޔާމީންގެ ކިނބައިން ދިވެހިރާއްޖެ ސަލާމަތްކުރުމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ސިޔާސީ ލީޑަރުން އެއް ޕްލެޓްފޯމެއްގައި މަސައްކަތް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ނިޒާރު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ސިޔާސީ ލީޑަރުން ސިޔާސީ ވިސްނުން ބަހައްޓަންވީ ރައީސް ޔާމީންގެ ކިބައިން މި ގައުމު ސަލާމް ކުރުމަށް ކަމަށެވެ. ދިވެހި ރައްޔިތުންނަންޓަކައި އިޙްލާސްތެރިކަމާއެކު މިފަދަ ނިންމުމެއް ނިންމައިފިނަމަ ކާމިޔާބުވާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.
"މި ރާއްޖޭގައި ސިޔާސީ ގޮތުން ނިންމަންޖެހޭ، އެންމެ މުހިންމު ނިންމުމަކީ ރައީސް ޔާމީންގެ ކިނބައިން މިންޖުވުން" ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަނުކުރެވޭނަމަ، އެމްޑީޕީން އެހެން ޕާޓީއެއްގެ ކެނޑިޑޭޓަށް ތާއިދުރަން ނިންމުމުން، ސިޔާސީ ގޮތުން ގައުމަށްޓަކައި އެހެން ސިޔާސީ ޕާޓީތަކަށް ވެސް އެފަދަ ނިންމުންތަށް ނިންމެން ޖެހޭ ކަމަށެވެ. ގާނޫނީ ހުރަސްތަކާއި ހެދި ރައީސް ނަޝީދަށް ކުރިމަތި ނުލެވޭނަމަ ، އެމްޑީޕީން ތާއިދު ކުރާ ކެންޑިޑޭޓަކީ ހުރިހާ ސިޔާސީ ފަރާތަކަށް ރުހެވޭނެ ކެންޑިޑޭޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ހަމަ އެކަނި ވެރިކަމަށް އައުމަށް ވުރެ، ރައީސް ޔާމީންގެ ކިބައިން ސަލާމަތްވުމަށް ސިޔާސީ ބޭފުޅުން ޕްލޭން ކުރަންވަންޖެހޭ،" ނިޒާރު ވިދާޅުވިއެވެ
ރައީސް ޔާމީން ވެރިކަން ކުރައްވަނީ ގާނޫނު އަސާސީ އާއި ހިލާފަށް ކަމަށް ރައީސް މައުމޫން ގަބޫލުކުރައްވާނަމަ، އެމަނިކުފާނަން ވެސް ދިވެހި ގައުމަށްޓަކައި އިޙްލާސްތެރިކަމާއެކު ބަދަލަކަށް މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ.
ނިޔާޒު ވިދާޅުވީ މިއަދު ދިވަހި ރާއްޖޭ އޮތީ އިގްތިސޯދީ ގޮތުން ވަރަށް ނާޒުކު ހާލެއް ގައި ކަމަށެވެ. އަސާސީ ޙައްގުތަކުން ރައްޔިތުން މަރުހޫމް ކޮށްލާފައިވާއިރު، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވެވޭނެ ގޮތެއް ނެތް ކަމަށެވެ.
އެގޮތުން ކޮރަޕްޝަންގެ އަމަލަތައް ސަރުކާރުގެ ވެރިން ހިންގާއިރު ، އެކަމާއި ދެކޮޅަށް ރައްޔިތުންނަން މުޒާހަރާ ކުރެވެން ނެތް ކަމަށް ނިޒާރު ވިދާޅުވިއެވެ. ސަރުކާރުގެ މި އަޅުވެތިކަމުން މިންޖުވުމަށް ސިޔާސީ ލީޑަރުން އެކުގައި މަސައްކަތް ކުރުން ނޫންގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.