ސަރުކާރުން ގެންގުޅޭ އެއްފަސްކުރުމުގެ ސިޔާސަތުގެ ފަހަތުގައިވާ ސިއްރުތަކަކީ ކޮބަތޯ ބަލަން ޖެހިފައިވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފެވެ.
އެޖަމްއިއްޔާއިން އެހެން ބުނީ ކޮންމެ މަހަކު އެޖަމްއިއްޔާއިން "ސައްލާ" ނިއުސް ލެޓާގައި، އެއްފަސް ކުރުމާއި އިންސާނީ ޙައްޤުތައް މިމައުލޫއުގެ މައްޗަށް ނެރެފައިވާ ޢަދަދުގައެވެ.
އެޖްމައިއްޔާއިން ބުނީ 1980 ގެ އަހަރުތަކުން ފެށިގެން އެއްފަސްކުރުން ވަކި ސިޔާސަތުތަކެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހުށަހެޅިފައިވާ ކަމަށާއި އެފަދަ ސިޔާސަތުތައް ބިނާވެފައި އޮތީ އިޖުތިމާއީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކުގެ މައްޗަށާއި ކުދި ރަށްތަކުގައި އަސާސީ ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމުގައި ދިމާވާ ދަތިތަކުގެ މައްޗަށް ކަމަށެވެ.
ޓްރާންސްޕޭރެންސީން ބުނީ އެއްރަށަކަށް ގިނަބަޔަކު ބަދަލު ކުރެވޭއިރު އެބަދަލު ކުރެވޭ މީހުންގެ އިންސާނީ ޙައްޤުތަކާމެދު ވިސްނާނުލާ ބަދަލު ކުރެވިފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިސާލު ދައްކަމުން އެ ޖަމްއިއްޔާއިން ބުނީ ހދ މައިވާދޫ، ހދ ކުނބުރުދޫ، އަދި ހދ ފަރިދޫ ރައްޔިތުން 2011 ވަނަ އަހަރު ބަދަލުކުރިއިރު އެ އަތޮޅު ނޮޅިވަރަންފަރުގެ އާބާދީ 500 އިން 2000އަށް ކުއްލިއަކަށް ބަދަލުވެގެން ދިޔަ ކަމަށެވެ. ނަމަވެސް ރަށުގައި ހުރި ފިހާރަތަކާއި ސާފު ބޯފެން ލިބޭނޭ ނިޒާމްތަކާއި މިނޫންވެސް އަސާސީ ޙައްޤުތައް ކަށަވަރު ކުރެވޭނެ ނިޒާމްތަކަކީ މިފަދަ އަދަދެއްގެ މީހުންނަށް ހިދުމަތް ފޯރުކޮށްދެވޭ މިންވަރަށް ތަރައްޤީ ކުރެވިފައިވާ ޚިދުމަތްތަކެއް ނޫން ކަމަށެވެ. ތިން ރަށެއްގެ މީހުން ނޮޅިވަރަންފަރަށް ބަދަލު ކުރިތާ 6 އަހަރުވެފައި ވާއިރުވެސް އަދިވެސް އެމީހުން ތިބީ އެހާލަތުގައި ކަމަށް އެޖަމްއިއްޔާއިން ބުންނެވެ.
ޓްރާސްންޕޭރެންސީ މޯލްޑިވްސްއިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހް ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވ. އަތޮޅާއި ފ. އަތޮޅުގެ ޒުވާނުން ހުޅުމާލެއަށް ބަދަލުވުމަށް އެދިވަޑައިގަންނަވާފައި ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އެ ދެ އަތޮޅުގައި ވަރަށް ގިނަ ކުދި ރަށްރަށް ހުރުމުގެ ސަބަބުން ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ސަރުކާރަށް ދަތިތަކާ ކުރިމަތިވާކަމަށް ފާހަގަ ކުރައްވާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އެރަށްތަކަކީ ހިތްގައިމު ރަށްތަކަކަށް ވީނަމަވެސް މަދު އާބާދީތަކަށް ސަރުކާރުން ކޮށްދެވޭނެ މާ ބޮޑެތި ކަންތައްތަކެއް ނެތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިކަމަށް ޓްރާންސްޕޭރެންސީން ފާހަގަ ކުރައްވާފައިވެ އެވެ.
ޓްރާންސްޕޭރެންސީން ބުނީ އެކަންކަމާމެދު ވިސްނާލާއިރު މިއަދު ފެންނަމުން މިދަނީ ގުދުރަތީ ހިތްގައިމު ތަނަވަސް މާހައުލުތަކުން ރައްޔިތުން އެކަހެރިކުރެވެ، ތޮއްޖެހިފައިވާ، ހާސްކަންބޮޑު މާހައުލުތަކަށް އެއްފަސްކުރުން ނޫންތޯ ސުވާލު އުފައްދާފައެވެ. އެފަދަ ކަންކަމުން އިބުރަތް ލިބި ރައްޔިތުންގެ ހައިސިއްޔަތުން އެއްފަސްކުރުމުގެ ސިޔާސަތުތަކާމެދު ސުވާލު އުފައްދައި އެފަދަ ސިޔާސަތުތަކުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކަކީ ކޮބައިތޯ ބަލަން ޖެހޭ ކަމަށް ޓްރާންސް ޕޭރެންސީ މޯލްޑްވްސްިން ވަނީ ސައްލާގެ މިފަހަރުގެ އަދަދުގައި ބުނެފައެވެ.