ސްމާރޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމެއް، އުރީދޫގެ ފަރާތުން ސަރުކާރަށް ހަދިޔާކުރާނެކަން މިއަދު އިއުލާންކޮށްފިއެވެ.
އުރީދޫގެ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ އުނގަންނައިދިނުމުގެ ޕްލެޓްފޯމް ކަމަށްވާ ސްމާރޓް ކެމްޕަސް މެދުވެރިކޮށް، ބަންދުގެ މުއްދަތު ފުރިހަމަކުރުމަށް ފަހު އަލުން މުޖުތަމަޢުއަށް ނިކުންނަ ފަރާތްތައް ވަޒީފާގެ މާޙައުލަށް ތައްޔާރުކުރުމަށް ޚާއްޞަ ކްލާސްތަކެއް ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ރާއްޖޭގެ ޔުނިވަރސިޓީތަކާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްތަކުގެ މަގްސަދަކީ މުޖުތަމައުއަށް އަލުން ނިކުންނަ ފަރާތްތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ފަހި ފުރުސަތުތަކެއް ފޯރުކޮށްދިނުމެވެ.
ބުދަ ދުވަހު ހެނދުނު އުރީދޫ މޯލްޑިވްސްގެ މައި އޮފީހުގައި އުރީދޫގެ ސީއީއޯ ނަޖީބް ޚާން މިކަން އިއުލާންކޮށްދެއްވީ، ނައިބު ރައީސް ފައިސަލް ނަސީމް އާއި މިނިސްޓަރ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހް ޖަމާލް ބައިވެރިވެވަޑައިގެންނެވި ހާއްސަ ހަފްލާއެއްގައެވެ.
"ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް އެންމެ ބޭނުންވެފައިވާ ފަރާތްތަކަށް މީގެކުރިން ލިބިފައިނުވާ ފަދަ އީޖާދީ ފުރުޞަތުތަކެއް ފަހިވެގެންދޭ. މި ހިންގޭ ތައުލީމީ ޕްރޮގްރާމްތަކުގެ ސަބަބުން، އަލުން މުޖުތަމައުއަށް ނިކުންނަ ޒުވާނުންނާއި އުމުރުން ދުވަސްވީ ފަރާތްތަކުގެ ދިރިއުޅުން އަލުން ބިނާކުރުމަށް އެހީތެރިކަމެއް ލިބޭނެ. ސްމާރޓް ކެމްޕަސް އަކީ އޮންލައިންކޮށް ތައުލީމް ހާސިލްކުރުމަށް ނުހަނު ބޭނުންތެރި ވަސީލަތަކަށް ވީ ހިނދު، ހިލޭ މި ޚިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.
އުރީދޫއިން މައިކްރޮސޮފްޓްގެ ބައިވެރިވުމާ އެކު، ކްލައުޑް މެދުވެރިކޮށް ފޯރުކޮށްދެވޭ ތައުލީމީ ސޮލިއުޝަނެއް ކަމަށްވާ 'އުރީދޫ ސްމާރޓް ކެމްޕަސް' ވަނީ ތައާރަފްކޮށްފައެވެ..
ސްމާރޓް ކެމްޕަސްއަކީ، އެންމެ ކުރިއަރާފައިވާ ވަސީލަތްތައް ބޭނުންކޮށްގެން، މައިކްރޮސޮފްޓް އިން އެޑިއުކޭޝަން އިން ފޯރުކޮށްދޭ ކްލައުޑް ޕްލެޓްފޯމް މެދުވެރިކޮށް ހިންގޭ ތައުލީމީ ސޮލިއުޝަނެކެވެ. ސްމާރޓް ކެމްޕަސްގެ ޚިދުމަތް ބޭނުންކުރާ ދަރިވަރުންނާއި ޓީޗަރުން، ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް އުރީދޫގެ G4 ނެޓްވާރކް މެދުވެރިކޮށް ގުޅާލެވި، އޮންލައިން އިންޓައެކްޓިވް ކްލާހެއްގައި ވަގުތުން ބައިވެރިވެވޭނެއެވެ.
މި މާހައުލުގައިވާ އިންޓައެކްޓިވް ވައިޓްބޯޑްއިން ވީޑިއޯ އާއި އޯޑިއޯ އަދި ޓެކްސް ޗެޓްކޮށް، ޕްރެޒެންޓޭޝަންތައް ހިއްސާކުރެވި، ޑޮކިއުމަންޓްތަކާއި ފޮޓޯތައް ދަރިވަރުންނާއި ޓީޗަރުންނަށް ފޮނުވޭނެއެވެ.
އުރީދޫގެ އިޖުތިމާއީ ޒިންމާގެ ދަށުން، ސްމާރޓް ކެމްޕަސް މެދުވެރިކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ހިލޭ ތައުލީމީ ޕްރޮގްރާމްތައް ވެސް ފޯރުކޮށްދެއެވެ.