"ވޯރ އޮން ވޭސްޓް" ގެ ނަމުގައި އުރީދޫ މޯލްޑިވްސް އިން ހިންގާ ތިމާވެށީގެ ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާހު ކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ ބުދަ ދުވަހު އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
"ވޯރ އޮން ވޭސްޓް" ކެމްޕެއިން ލޯންޗް ކޮށްދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާޢީ ދާއިރާގައި އުރީދޫ މޯލްޑިވްސްގެ ހިއްސާ ފާހަގަކުރައްވައި، ރާއްޖޭގެ އިޖުތިމާއީ ކުރިއެރުމަށް އެކުންފުނިން ކޮށްދެމުން ގެންދާ ގިނަގުނަ ޚިދުމަތްތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
"ވޯރ އޮން ވޭސްޓް" އިންޓަރނަލް ޕްރޮޖެކްޓަކީ އުރީދޫ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ކުރިއަށްދާ ހަރަކާތެއް ކަމަށާއި އެގޮތުން ހާއްސަކޮށް ހަރަދު ކުޑަކުރާނެ ގޮތްތައް ހޯދުން ހިމެނޭ ކަމަށް އުރީދޫ އިން ބުންޏެވެ. އެގޮތުން ފެނާއި، ކަރަންޓާއި، އަދި އޮފީސް އެކި ބޭނުމަށް ބޭނުންކުރާ ކަރުދާހުގެ ޙަރަދު ކުޑަކޮށް ޑިޖިޓަލްކޮށް ކަރުދާސް ބޭނުންކުރެވޭނެ ގޮތް ހޯދުން ހިމެނޭ ކަމަށް އުރީދޫ އިން ބުންޏެވެ.
ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ ކުރިއެރުމަށް އުރީދޫ މޯލްޑިވްސް އިން ހިންގަމުންދާ ހަރަކާތްތަކަކީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ހަރަކާތްތަކެއް ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހަށް ކުރެއްވި ޒިޔާރަތުގައި، އެ އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެކުންފުނީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލެއްވިއެވެ.