އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އަދި ޔުނިސެފް ގުޅިގެން ހދ. ނޮޅިވަރަންފަރުގައި މިއަހަރުގެ "ސޭފަރ އިންޓަރނެޓް ޑޭ" ފާހަގަކުރުމަށްޓަކައި ހާއްސަ ހަރަކާތްތަކެއް ހިންގައިފިއެވެ.
އާކް އިން ބުނީ މި މަހުގެ 4 އިން 5 އަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ކުޑަކުދިންނަށް ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރަން ދަސްކޮށްދިނުމުގެ މަޤްސަދުގައި އާކް އިން ހިންގާ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިން، "ސަރފް ސްމާޓް"ގެ ސެޝަންތައް ގްރޭޑް 6 އަދި 7ގެ ހުރިހާ ދަރިވަރުންނަށް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އަދި، ގްރޭޑް 8 އިން ފެށިގެން މަތީގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން ޒިންމާދާރުގޮތުގައި އިންޓަރނެޓް ބޭނުންކުރުމާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީ، މަޝްވަރާކޮށް އެކުދިންގެ ހިޔާލު ހޯދުމަށް ހާއްސަ ސެޝަންތަކެއް ވެސް ހިންގާފައިވާ ކަމަށް ވެސް އާކް އިން ބުންޏެވެ.
ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އާކް އިން ބުނީ ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުންކުރުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން ބެލެނިވެރިންނާއި، ޓީޗަރުން އަދި މުޅި މުޖުތަމަޢު ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެންކަމުން، މި އަހަރުގެ މިދުވަހަށް ކަނޑައަޅާފައިވާ ޝިއާރުކަމުގައިވާ "ޓުގެދަރ ފޮރ އަ ބެޓަރ އިންޓަރނެޓް" މިމަޢުލޫއާ އެއްގޮތްވާ ގޮތުގެ މަތިން، އާކްއިން ވަނީ ޒުވާނުންނާއި ބެލެނިވެރިންނާ އެކު ވެސް މަޝްވަރާކުރުމަށް ހާއްސަ ސެޝަންތަކެއް ބާއްވައި، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިން އެކި މަޢުލޫމާތު ހޯދާ، ތަފާތު ކަންކަން ދަސްކުރާއިރު އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ހިޔާލު ބަދަލުކޮށްފައެވެ.
ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމަށް ކުޑަކުދިންނަށް ބާރުއެޅުމަށްޓަކައި އާކްއިން ވަނީ ކަމާގުޅޭ އިދާރާތަކާ އެކު ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައެވެ. މިގޮތުން، އިންޓަރނެޓް ބޭނުންކުރާއިރު ކުޑަކުދިންނަށް ކުރިމަތިވެދާނެ މައްސަލަތައް ދެނެގަތުމަށާއި، ރައްކާތެރިކަމާއެކު އިންޓަރނެޓް ބޭނުންކުރަން ކުދިންނަށް ދަސްކޮށްދެވޭނެ ގޮތްތައް ދެނެގަތުމަށް ޤައުމީ ފެންވަރުގައި ސަރވޭއެއް ހެދުމަށް މަސައްކަތްތައް ވެސް މިހާރު ވަނީ ފަށާފައެވެ.
"ސޭފަރ އިންޓަރނެޓް ޑޭ"، މިދުވަހަކީ ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި، މިކަމާ ގުޅޭ ގޮތުން ހެޔޮ ބަދަލުތައް ގެނައުމުގެ މަޤްސަދުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ދުވަހެކެވެ.