ކައުންސިލަރުންނަށް ލުއި ޝަރުތުތައް އެކުލެވޭ ގޮތަށް ފާސްކުރި ބިލު ރައީސް ތަސްދީގު ކުރައްވައިފިއެވެ.
ފާއިތުވި ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާއިން ފާސްކުރި "ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބުދަ ދުވަހު ތަޞްދީޤް ކުރެއްވުމާއި އެކު، މި ބިލު މިހާރުވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.
މި ޤާނޫނަށް ގެނައި އިސްލާހުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކަށް ބަދަލު ގެނެސްފައި ވެއެވެ. އެގޮތުން، ކުޑަކުއްޖަކާ މެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން، ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ޙުކުމެއް ކޮށްފައިވާ މީހެއް ނަމަ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމީހަކަށް ވާދަކުރެވޭނީ، އެ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ ހަތް އަހަރު ފާއިތުވެފައިވުމުން، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ ހަތް އަހަރު ފާއިތުވުމުންނެވެ. ކުރިން ގާނޫނު އޮތް ގޮތުން ޖިނާއީ މިފަދަ ކުށްތައް ކޮށްފައިވާ މީހަކަށް ކައުންސިލަކަށް ކުރިމައްޗެއް ނުލެވޭނެއެވެ.
މި ބިލަށް ރައީސް ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން އަމަލުކުރާއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް އެ އުސޫލަށް އަމާލުކުރާނެއެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތިން ވަނަ ޖަލްސާގައި އެބިލް ފާސްކޮށްފައިވަނީ 46 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެބިލާ ދެކޮޅަށް 16 މެމްބަރަކު ވޯޓް ދެއްވިއެވެ.
އިދިކޮޅު އެމްޑީޕީ އާއި ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް އެބިލަށް ބަހުސްކުރެއްވި އިރު ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެހެންކަމުން އެބިލް ދިރާސާކުރި މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ވަނީ އެބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.