ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ، މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައިގެން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އެމްޑީޕީން އޭސީސީ އަށް ހުށަހަޅާފައިވާ މައްްސަލައިގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ޝަރީފާ ސުވާލު ކުރާނެ ކަމަށް އޭސީސީން ބުނެފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ، އެމްޑީޕީން ފެނަކައިގެ އެމްޑީއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ސޯޝަލް މީޑިޔާގައި ލިބުނު ބައެއް މައުލޫމާތުތައް މިހާރު އެއްކޮށްފައިވާ ކަމަށާއި އެ މައްސަލަ އޭސީސީން ބަލާނެ ކަމަށެވެ.
އެ މައްސަލައިގައި މިހާރު ކުރިއަށްދަނީ މައްސަލަ އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.
އެމްޑީޕީން، އޭސީސީ އަށް ހުށަހެޅި މައްސަލަގައި ބުނެފައިވަނީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފު، ތިމަރަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައި ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރުން ދޫކޮށްލެއްވުމަށް އެދި، އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި ކެންޑިޑެސީ ދޫކޮށްލާ ފަރާތްތަކަށް ސަރުކާރުގެ ތެރެއިން ވަޒީފާ ހަމަޖައްސަވައިދެއްވާނެކަމަށް ދަންނަވާފައިވާކަމަށެވެ.
އަދި މީގެ ކުރީގެ އިންތިހާބެއްގައި ވެސް އެފަދަ ހުށަހެޅުމެއް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޝަރީފު ހުށަހެޅުއްވިކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.
ޕީޕީއެމް އިން ތިމަރަފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ، ތިމަރަފުށީގެ ކުރިއެރުމަށް މަންފާއެއް ލިބޭނީ ޕީޕީއެމްގެ ކައުންސިލަރުން ހޮވިގެން ކަމަށެވެ. އަދި ޕީޕީޢެމް އަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ސްޓްރަކްޗަރ އަށް ބަދަލު ގެންނާނެ ކަމުގެ އިންޒާރު ވެސް ޝަރީފު ދެއްވިއެވެ.
އޭނާ ވިދާޅުވީ، މުއައްސަސާތަކުގެ އިސް ފަރާތްތަކާ ގުޅިގެން މުވައްޒަފުން އިހްލާސްތެރިކަމާ އެކު ޕާޓީއަށް މަސައްކަތް ކޮށްގެން ކައުންސިލަރުން ހޮވަން އުޅެފި ނަމަ އެކަން ކާމިޔާބު ނުވާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
އިންތިހާބަށް ނުފޫޒު ފޯރުވުމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޝަރީފު މަސައްކަތްކުރެއްވި ކަމަށް ބުނެ އެމްޑީޕީން މައްސަލައެއް އޭސީސީއަށް ހުށަހެޅުއްވިއިރު، ޝަރީފު ވަނީ ހޮނިހިރު ދުވަހު ބޭއްވުނު ޕީޕީއެމް އަށް މެންބަރުން އިތުރުކުރުމުގެ ޕްރޮގްރާމުގައި، ފެނަކަ މުވައްޒަފުންގެ ފަރާތުން 2300 މެންބަރުންގެ ސޮއި ހަމަކޮށް ޕީޕީއެމް އަށް ހުށަހަޅާފަ އެވެ.