ކ. މާލެ
|
5 ފެބްރުއަރީ 2019 | އަންގާރަ 10:44
ކީޕާރު ލަބާން
ކީޕާރު ލަބާން
ގޫގުލް
ދިވެހި ފުޓުބޯޅަ
ޒުވާން ގޯލްކީޕަރު ލަބާން އެނބުރި ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް!
ލަބާން ޝަރީފް ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި
ލަބާންގެ އިތުރުން ސީނިއާ އެހެން ކުޅުންތެރިންވެސް ފަރިތަކުރުން ތަކުގައި ބައިވެރިވޭ

ޒުވާން ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

ސިޔާސީ މުޒާހަރާއެއްގެ ތެރެއިން ފުލުހަކަށް ހަމަލާދިން ކަމުގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ފަހު ޕެރޯލްގެ ދަށުން މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހު މިނިވަންވި ހިސާބުން ލަބާން ވަނީ ގްރީންސްޓްރީޓްސްއާ ގުޅި މޮޅަށް ކުޅެން ފަށާފައެވެ.

އެހެން ނަމަވެސް ޖަލު ހުކުމަށް ފަހު ލަބާން ގައުމީ ޓީމުން ފެންނަމިއީ ފުރަތަމަ ފަހަރެވެ.

އަންނަ މާޗް މަހު އޮންނަ އޭއެފްސީގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ބުރުގައި ކުޅޭ ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ލަބާންއަށް ފުރުސަތު ދޭން ކޯޗު ނިންމީ 23 އަހަރުން މަތީގެ ތިން ކުޅުންތެރިންނަށް ދޭ ޖާގައިގެ ތެރެއިންނެވެ.

ޒުވާން ޓީމުގެ ފަރިތަކުރުންތައް އެންމެ އެދެވޭ ގޮތެއްގައި ފަށައިގަނެވޭނީ މިހާރު ކުރިއަށްދާ 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ނިމުމުން ކަމަށް އެފްއޭއެމުން ބުންޏެވެ. 

ކޯޗު ސެގާޓްގެ އިރުޝާދުގެ ދަށުން މިހާރު ޒުވާން ގައުމީ ޓީމުގެ ޕްރެކްޓިސްތައް ކުރިއަށްދާއިރު، ލަބާންގެ އިތުރުން ސީނިއާ އެހެން ކުޅުންތެރިންވެސް އަންނަނީ ފަރިތަކުރުން ތަކުގައި ބައިވެރިވަމުންނެވެ.

ގައުމީ ސީނިއާ ޓީމު މިދިޔަ ނޮވެމްބަރު މަހު މެލޭޝިއާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް ދިޔައިރު ސާފްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ގޯލުކީޕަރު މުހައްމަދު ފައިސަލް އަނިޔާގައި ހުރުމުން ބަދަލު ކީޕަރެއްގެ ގޮތުގައި ލަބާން ގެންދަން ގައުމީ ކޯޗު ޕީޓަ ސެގާޓް ބޭނުންވި އެވެ. އެހެންނަމަވެސް ޕެރޯލްގެ މުއްދަތު ހަމަނުވާތީ އެ މެޗަށް ލަބާނަށް ދެވޭ ގޮތެއްނުވިއެވެ.

ލަބާން ވަނީ ނޭޕާލުގައި 2011 ވަނަ އަހަރު އޮތް 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި، އޭއެފްސީ 16 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގެ ގޯލް ބަލަހައްޓާފައެވެ.

ލަބާން ހައްޔަރުކުރީ ނިއު ރޭޑިއަންޓުގެ ސީނިއާ ޓީމުން ޖާގަ ލިބި، އެޓީމަށް ކުޅުމަށް ފަހު އީގަލްސްގައި މޮޅު ކުޅުމެއް ދައްކަމުން ދަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް