ކ. މާލެ
|
5 ފެބްރުއަރީ 2019 | އަންގާރަ 09:35
ލިވަަޕޫލް އާއި ވެސްޓްހަމް ވާދަކުރި މެޗު
ލިވަަޕޫލް އާއި ވެސްޓްހަމް ވާދަކުރި މެޗު
ގޫގުލް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގް: ތާވަލުގެ އެއްވަނައިގައި ލިވަޕޫލްއަށް ހަމަޖެހިލެވޭކަށް ނެތް!
ސިޓީ އާއި ލިވަޕޫލްއާއި ދެމެދު އޮތީ ތިން ޕޮއިންޓުގެ ތަފާތެއް
ވެސްޓް ހަމް ޔުނަޓަޑާއި، ލިވަޕޫލް ބައްދަލު ކުރި މެޗު އެކެށް އެކަކުން އެއްވަރުވުން

ޕްރިމިއާ ލީގުގެ ތާވަލުގެ އެއް ވަނައިގައި ލިވަޕޫލްއަށް ހަމަޖެހިލައިގެން އޮވެވޭކަށް ނެތެވެ.

ހޯމަ ދުވަހުގެ ރޭ ވެސްޓް ހަމް ޔުނަޓަޑާއި، ލިވަޕޫލް ބައްދަލުކުރި މެޗު އެކެށް އެކަކުން އެއްވަރުވެ، ލީޑް ނަގަން ލިބުނު ފުރުސަތު ގެއްލި ތާވަލުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ލިވަޕޫލްއާއި ދެމެދު އޮތީ ތިން ޕޮއިންޓުގެ ތަފާތެވެ.

ވެސްޓް ހަމްގެ ދަނޑުގައި ކުޅުނު މި މެޗުން ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވާއިރު، ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިވަނީ ބޭކާރުވެފައެވެ.

މެޗުގެ ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ލިވަޕޫލުންނެވެ. މި ލަނޑު 22 ވަނަ މިނެޓުގައި ޖޭމްސް މިލްނާގެ އެހީ ތެރިކަމާއިއެކު ކާމިޔާބު ކޮށްދިނީ ސާޑިއޯ މޭންއެވެ.

ލިވަޕޫލުން ލަނޑު ޖެހިތާ މާގިނައިރު ތަކެއްނުވެ، ވެސްޓް ހަމުން 28 ވަނަ މިނެޓުގައި މިކާއިލް އެންޓޮނީގެ އެހީތެރިކަމާއި އެކު ފިލިޕް އެންޑާސަން ކާމިޔާބު ކޮށްދިން ލަނޑާއެކު ނަތީޖާ ހަމަ ހަމަ ކުރިއެވެ.

ފުރަތަމަ ހާފް ނިމުންއިރު ނަތީޖާ އަކީ ލިވަޕޫލް އެކެއް، ވެސްޓްހަމްވެސް އެކެކެވެ.

ދެވަނަ ހާފް ފެށިގެން ރަނގަޅު ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެން ދިޔައެވެ. ވެސްޓް ހަމްގެ ގޯލަށް ލިވަޕޫލުން ފުލުފުލުގައި ހަމަލާތަށް ދެމުންދިޔައެވެ. އެހެން ނަމަވެސް ލަނޑެއްޖެހިފައެއް ނުވެއެވެ.

ދެވަނަ ހާފްވެސް ނިމުނީ އެކެއް އެކެއްގެ ނަތީޖާއަކުންނެވެ.

މި މެޗުން އެއްވަރުވުމުން ލިވަޕޫލަށް ކުޅުނު 25 މެޗުން ލިބުނީ 62 ޕޮއިންޓެވެ.

ދެ ވަނައިގައި އޮތް ސިޓީއަށް ކުޅުނު 25 މެޗުން ލިބުނީ 59 ޕޮއިންޓެވެ.

މިވަގުތު ދެ ޓީމުގެ މެދުގައި ތިން ޕޮއިންޓުގެ ތަފާތެއް އޮތް ނަމަވެސް ބުރާސްފަތި ދުވަހުގެ ރޭ ސިޓީ އެވަޓަންއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ލިވަޕޫލާއި ޕޮއިންޓުގެ ގޮތުން އެއްވަރުވާނެއެވެ.

މި މެޗުގައި ލިވަޕޫލްއާއި ވާދަކުރި ވެސްޓް ހަމް ޔުނައިޓެޑް އޮތީ ކުޅުނު 25 މެޗުން ލިބުނު 32 ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް