ކ. މާލެ
|
4 ފެބްރުއަރީ 2019 | ހޯމަ 14:51
އެތުލެޓިކްސް ޓީމް
އެތުލެޓިކްސް ޓީމް
އެތްލެޓިކްސް އެސޯސިއޭޝަން
އެތްލެޓިކްސް
އެތުލެޓިކްސް ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިއުލާންކޮށްފި
މުބާރަތް އޮންނާނީ މާޗް މަހުގެ 15 އިން 17 އަށް ހޮންގް ކޮންގައި
ޓީމުގައި ހިމެނެނީ ދެ އަންހެން އެތުލީޓުންނާއި ދެ ފިރިހެން އެތުލީޓުން އަދި ކޯޗް

މާޗް މަހުގެ 15 އިން 17 އަށް ހޮންގް ކޮންގްގައި ބާއްވާ ތިން ވަނަ އޭޝިއަން ޔޫތު އެތުލެޓިކްސް ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވާ ޓީމް އިއުލާން ކޮށްފިއެވެ.

އެތްލެޓިކްސް އެސޯސިއޭޝަންގެ އިއުލާނުގައި ބުނެފައި ވަނީ ގައުމީ ޓީމަށް އެތުލީޓުން ހޮވާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 25 އަދި 26 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވި ޓައިމް ޓްރައިލުން ކަމަށެވެ.

އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމްގައި ހިމެނެނީ ދެ އަންހެން އެތުލީޓުންނާއި ދެ ފިރިހެން އެތުލީޓުންގެ އިތުރުން ކޯޗެކެވެ.

ޓީމުގައި ހިމެނިފައިވާ ބައިވެރިންނަކީ؛ އައްޑޫ އެތުލެޓިކްސް ޓްރެއިނިން ސެންޓަރގައި ތަމްރީންވަމުން އަންނަ އައްޑޫ ހައި ސްކޫލްގެ ޢާއިޝަތު ހިމްނާ ޙަސަން، އައްޑޫ ޝަރަފުއްދީން ސްކޫލްގެ މަރިޔަމް އަލްހާ ޙުސައިން، ކުޅުދުއްފުށީ އެތުލެޓިކްސް ޓްރެއިނިން ސެންޓަރގައި ތަމްރީންވަމުން އަންނަ މުޙައްމަދު ޝާމް އަޙްމަދު އަދި ނޭޝަނަލް އެތުލެޓިކްސް ޓްރެއިނިން ސެންޓަރގައި ތަމްރީން ހަދަމުން އަންނަ އެޑިޔުކޭޝަން ސްކޮލަރޝިޕް އެތުލީޓް ޢިބާދުﷲ އާދަމްއެވެ.

ގައުމީ އެތުލެޓިކްސް ޓީމްގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އައްޑޫ އެތުލެޓިކްސް ޓްރެއިނިން ސެންޓަރުގެ ކޯޗް ހަސަން ޚަލީލެވެ.

މުބާރާތުގައި ހިމްނާ ވާދަކުރާނީ އަންހެން 200 މީޓަރު ދުވުމާއި، 400 މީޓަރު ދުވުމުގައެވެ. މިއީ ހިމްނާ ގައުމީ ޓީމް ތަމްސީލްކުރާ ދެ ވަނަ އަހަރެވެ. މިދިޔަ އަހަރު ބޭއްވި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް ހިމްނާ ވަނީ 400 މީޓަރު ދުވުމުގެ އަންހެން ކެޓަގަރީން ރާއްޖޭގެ ގައުމީ ރެކޯޑް ދެ ފަހަރަށް އާކޮށްފައެވެ.

އަލްހާ މުބާރާތުގައި ވާދަކުރާނީ އަންހެން 100 މީޓަރު އަދި 200 މީޓަރު ދުވުމުގައެވެ. މިއީ އަލްހާ ގައުމީ ޓީމް ތަމްސީލްކުރާ ފުރަތަމަ ފަހަރެވެ.

އަލްހާ ވަނީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ނޭޝަނަލް ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 200 މީޓަރު ދުވުމުން ލޯމެޑަލް އަދި 400 މީޓަރު ދުވުމުން ރިހި މެޑަލް ހޯދާފައެވެ.

ޢިބާދުﷲ މުބާރާތުގައި ވާދަކުރާނީ ފިރިހެން 100 މީޓަރު އަދި 200 މީޓަރު ދުވުމުގައެވެ. މިއީ އިބާދުﷲ ގައުމީ ޓީމް ތަމްސީލްކުރާ ދެ ވަނަ އަހަރެވެ. މިދިޔަ އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު ރިލޭގައި ވާދަކުރި ޓީމްގައި ހިމެނިފައެވެ.

ޝާމް މުބާރާތުގައި ވާދަކުރާނީ ފިރިހެން 100 މީޓަރު އަދި 200 މީޓަރު ދުވުމުގައެވެ. މިއީ ޝާމް ގައުމީ ޓީމް ތަމްސީލްކުރާ ފުރަތަމަ ފަހަރެވެ. ޝާމްވަނީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ނޭޝަނަލް ގްރޯން ޕްރީ މުބާރާތުގެ 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް