ކ. މާލެ
|
4 ފެބްރުއަރީ 2019 | ހޯމަ 13:56
މާރިއޯ ބަލޮޓެލީ
މާރިއޯ ބަލޮޓެލީ
ރޮއިޓަރސް
މާރިއޯ ބަލޮޓެލީ
ކެރިޔަރު ނިންމާލަން ބޭނުންވަނީ އިޓަލީގައި: ބަލޮޓެލީ
އިޓަލީ ގައުމީ ޓީމާ އަލުން ގުޅި ގިނަ ލަނޑު ޖަހަން ބޭނުން

ކެރިޔަރު ނިންމާލަން ބޭނުންވަނީ އިޓަލީގައި ކަމަށް ފްރާންސްގެ މާސޭއަށް ކުޅެމުން އަންނަ އިޓަލީގެ ފޯވާޑް މާރިއޯ ބަލޮޓެލީ ބުނެފިއެވެ.

އިޓަލީގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ބަލޮޓެލީ ބުނީ، ކައިރި މުސްތަގުބަލެއްގައި އިޓަލީގެ ކްލަބަކަށް ބަދަލުވާން ނުވިސްނާ ކަމަށާއި، ނަމަވެސް ކެރިޔަރު ނިންމާލަން ބޭނުން ވަނީ އިޓަލީގެ ބްރެޝާގައި ކަމަށެވެ.

ބަލޮޓެލީގެ އުމުރުން ދެ އަހަރުން ފެށިގެން ދިރިއުޅެފައިވާ ބްރޭޝާއަކީ އިޓަލީގެ ޕްރޮވިންސެކެވެ. ބްރެޝާ ނަމަކަށް ކިޔާ ކްލަބެއް އަންނަނީ އިޓަލީގެ ދެވަނަ ޑިވިޝަންގައި ވާދަކުރަމުންނެވެ.  

ބަލޮޓެލީ ބުނީ، އިޓަލީގެ މިހާރުގެ ކޯޗު ރޮބާޓޯ މަންޗިނީއަކީ އޭނާ ވަރަށް ރަނގަޅަށް ދަންނަ ކޯޗެއް ކަމަށާއި، އެނބުރި އިޓަލީ ގައުމީ ޓީމާ ގުޅި ގިނަ ލަނޑުތަކެއް ޖަހަން ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން ބަލޮޓެލީ ބުނީ، އޭނާއަކީ އިޓަލީގެ ސްޓޭޑިއަމްތަކުގައި ނަސްލީ ތަފާތުކުރުމުގެ ޝިކާރައަކަށްވެފައިވާ މީހެއް ކަމަށާއި، ނަމަވެސް އެ ކަމަށް ކުރަމުން އަންނަ ހަނގުރާމަ ކާމިޔާބުކުރާނެ ކަމަށެވެ.

އިންޓަ މިލާން، އޭސީ މިލާން، މެންޗެސްޓާ ސިޓީ އަދި ލިވަޕޫލަށް ވެސް ކުޅެފައިވާ ބަލޮޓެލީ ނީސް އަށް ބަދަލުވީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 76 މެޗުގައި 43 ލަނޑު ކާމިޔާބުކޮށްފައެވެ.

އިންޓަ މިލާނާ އެކު ތިން ލީގުގެ ތަށި ކާމިޔާބުކޮށްފައިވާ ބަލޮޓެލީ ވަނީ އެ ކްލަބާ އެކު ޔުއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ސިޓީއާ އެކު ޕްރިމިއާ ލީގު އަދި އެފްއޭ ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

އިޓަލީއާ އެކު 2012 ވަނަ އަހަރު ޔޫރޯގެ ދެވަނަ ހޯދި ބަލޮޓެލީ ވަނީ ގައުމީ ޓީމަށް ކުޅުނު 36 މެޗުގައި 14 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ 2010 ވަނަ އަހަރުގެ ގޯލްޑެން ބޯއި އެވޯޑް އަދި 2012 ވަނަ އަހަރުގެ އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް