ޕްރިޔަންކާ ޗޯޕްރާގެ އާ ހޮލީވުޑް ފިލްމް 'އިޒިންޓް އިޓް ރޮމޭންޓިކް'ގައި އޭނާގެ ލަވައެއް އަޑު އިވިގެންދާނެއެވެ.
މި މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ނެޓްފްލިކްސްގެ މި ފިލްމުން ޕްރިޔަންކާގެ އިތުރުން ރެބެލް ވިލްސަން، ލިއަމް ހެމްސްވޯތު އަދި އެޑަމް ޑެވިން ފެނިގެންދާނެއެވެ.
ސަޕޯޓިންގ ރޯލަކުން ޕްރިޔަންކާ ފެނިގެންދާ މި ފިލްމްގައި އޭނާ ކިޔާފައިވާ ލަވައިގެ ނަމަކީ 'ކިސް މީ'އެވެ. އެއީ މެތިއު ސްލޮކަމް ލިޔެފައިވާ، އެލޭނާ ޑަ ފޮންސެސްކާ އަދި ދަ ބޫމް ކްލެކްއިން ޕްރޮޑިއުސްކޮށްފައިވާ ލަވައެކެވެ.
ޕްރިޔަންކާއަކީ 2002ން ފަށައިގެން ލަވަކިޔަމުންދާ ފަންނާނެކެވެ. އޭނާ އެންމެ ފުރަތަމަ ލަވައެއް ކިޔާފައިވަނީ ތަމަޅަ ފިލްމަކަށެވެ. ބޮލީވުޑްގައި އޭނާގެ އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި 'މެރީ ކޮމް' ފިލްމްގައި ކިޔާފައިވާ ލަވައާއި 2015 ވަނަ އަހަރު ރިލީޒްކޮށްފައިވާ 'ދިލް ދަޅަކްނެ ދޯ'ގައި ފަރްހާން އަކްތަރާއެކު ކިޔާފައިވާ ފިލްމްގެ ޓައިޓަލް ލަވަ ހިމެނެއެވެ.
މީގެ އިތުރުން، 2011 ވަނަ އަހަރު ޕްރިޔަންކާ ޔުނިވަރސަލް މިއުޒިކް ގްރޫޕްއާއެކު ސޮއި ކުރިއެވެ. އޭނާގެ ފުރަތަމަ ލަވަ 'އިން މައި ސިޓީ' ރިލީޒްކޮށްފައިވަނީ 2012ވަނަ އަހަރެވެ. އަދި ޕިޓްބުލްއާއެކު ކިޔާފައިވާ 'އެގްޒޮޓިކް'ވަނީ ބިލްބޯޑްގެ ޑާންސް/އިލެކްޓްރިކް ކެޓަގަރީގެ 16ވަނަ އަށް އަރާފައެވެ.
'އިޒިންޓް އިޓް ރޮމޭންޓިކް'އަކީ ވެލެންޓައިންސް ޑޭއަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ރޮމް-ކޮމްއެކެވެ.
ފިލްމްގައި ފެނިގެންދާނީ މައި ތަރި، އޮސްޓްރޭލިއާއަށް ނިސްބަތްވާ ރިބެލް ވިލްސަންގެ ކެރެކްޓަރ ނެޓަލީއަށް ދިމާވާ ކަންތައްތަކެކެވެ. އަދި ޕްރިޔަންކާގެ ކެރެކްޓަރ، އިޒަބެއްލާއަކީ ނެޓަލީގެ އެންމެ ގާތް އެކުވެރިޔާ، އެޑަމްގެ ކެރެކްޓަރކަމަށްވާ ޖޯޝްގެ ލޯބިވެރިޔާއެވެ.
ޕްރިޔަންކާއާއި ޓީމް މިހާރު ދަނީ މި ފިލްމް ޕްރޮމޯޓް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، ބޮލީވުޑްގެ މަޝްހޫރު ތަރިއެއްކަމަށްވާ ޕްރިޔަންކާ ދެން ހޮލީވުޑް ފިލްމަކުން ފެނިގެންދާނީ ފިލްމްގެ މައި ރޯލުންނެވެ. އެއީ 'ގާޑިއަންސް އޮފް ދަ ގެލެކްސީ' ފިލްމްތަކުން ފެނިގެންދާ ކްރިސް ޕްރެޓްއާއެކު 'ކައު ބޯއި ނިންޖާ' އިންނެވެ. ނަމަވެސް، ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި އެ ފިލްމް މިހާރު ވަނީ ކެންސަލް ކޮށްފައެވެ.
ޖެނުއަރީ ފަހުކޮޅު 'ދަ އެލެން ޝޯވ'އަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ އޭނާ މިހާރު ދަނީ ފިލްމެއް ޕްރޮޑިއުސް ކުރަން ތައްޔާރު ވަމުން ކަމަށެވެ. ބެރީ ލެވިންސަންއާ އެކު ޕްރޮޑިއުސް ކުރާ 'ވައިލްޑް ވައިލްޑް ކަންޓްރީ'ގައި މައި ރޯލު ކުޅޭނީ އޭނާކަމަށްވެސް ޕްރިޔަންކާ ބުންޏެވެ.