ކ. މާލެ
|
2 ފެބްރުއަރީ 2019 | ހޮނިހިރު 12:09
ގަތަރުން އޭޝިއަންކަޕްގެ ތަށި އުފުލާލަނީ
ގަތަރުން އޭޝިއަންކަޕްގެ ތަށި އުފުލާލަނީ
ޓްވިޓަރ
އޭޝިއަން ކަޕް 2019
އޭޝިއަން ކަޕް: ޖަޕާން ބަލިކޮށް ގަތަރުން ޗެމްޕިއަންކަން ހޯދައިފި
ޖަޕާންގެ މައްޗަށް ގަތަރުން ކުރިހޯދީ 1-3 ގެ ނަތީޖާއަކުން

އޭޝިއަން ކަޕްގައި ޖަޕާން ބަލިކޮށް، ގަތަރުން މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ޖަޕާންއާ ވާދަކޮށް ގަތަރުން މެޗު ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

އަބޫދާބީގެ ޒައިދް ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން 12 ވަނަ މިނެޓުގައި ގަތަރުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އަކްރަމް ހަސަން އަފީފްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އަލްމާޒް އަލީއެވެ.

މި ލަނޑަށްފަހު ވެސް ގަތަރުން ދިޔައީ ޖަޕާންގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން ލީޑު ފުޅާކުރަން އެޓީމަށް ވަނީ ފުލުފުލުގައި ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

ގަތަރުން ލީޑު ފުޅާކުރީ 30 ވަނަ މިނެޓުގައެވެ. މި ލަނޑު އަކްރަމް ހަސަން އަފީފްގެ އެހީތެރިކަމާއެކު ކާމިޔާބު ކުރީ އަބްދުލްއަޒީޒް ހާތިމްއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ޖަޕާންގެ މައްޗަށް ގަތަރު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ގަތަރުގެ ފަރާތުން ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މި ހާފްގައި ޖަޕާނަށް ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ޖަޕާނުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ޔުޔާ އޮސަކޯގެ އެހީތެރިކަމާއެކު ކާމިޔާބު ކުރީ ޓަކުމީ މިނަމިނޯއެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ އޭރިޔާ ތެރެއިންނެވެ.

ގަތަރުގެ ދެވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބު ކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން އަކްރަމް ހަސަން އަފީފްއެވެ. އޭނާ ވަނީ މެޗުގައި ލަނޑު ޖެހުމުގެ އިތުރުން ދެ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގަތަރުގެ އަލްމޯޒް އަލީއެވެ. އޭނާ ވަނީ ނުވަ ލަނޑާއެކު މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. އަދި މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް އޭނާ ވަނީ ހޯދާފައެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ ގަތަރުގެ ސާދް އަލް ޝީބްއެވެ. އޭނާ ހަތް މެޗު ކުޅެފައިވާއިރު، ހަ މެޗު ނިމުނީ އޭނާ ކޮޅަށް ލަނޑެއް ނުވަދެއެވެ. މުބާރާތުގައިވެސް އޭނާ ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް