ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ވެޓްލޭންޑް ދުވަސް ފާހަގަކުރުމުގެ ގޮތުން ވެޓްލޭންޑް ފެއަރ 2019 އައްޑޫ ނޭޗަރ ޕާކުގައި ބާއްވަން ނިންމައިފިއެވެ.
ރާއްޖެއެމްވީއާއި ވާހަކަދައްކަމުން އައްޑޫ ނޭޗަރ ޕާކްގެ އެސިސްޓަންޑް ޑިރެކްޓަރ އައިމިނަތު އަފާއު ވިދާޅުވީ މިފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ފެބްރުއަރީ 1 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަށާއި މިއީ މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް އޮތް ފެއަރ ކަމަށެވެ.
މިފަދަ ފެއަރ އެއް ބޭއްވުމުގެ މަޤްސަދަކީ ވެޓްލޭންޑް ދުވަހަކީ ކޮބައިކަމަށާއި މިދުވަސް ފާހަގަކުރުމުގެ މުހިއްމުކަން އަންގައިދިނުމުގެ ގޮތުންނެވެ.
ފެބްރުއަރީ 2 ވަނަ ދުވަހު ބާއްވާ މިފެއަރގައި ހެނދުނު 7:00 އިން ފެށިގެން ހަވީރު 5:00 އާއި ހަމައަށް ތަފާތު ގިނަ ކަންކަން ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ.
އެގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކާއި، ކެނޯ ރޭސިންއާއި، ވެޓްލޭންޑް ކުއިޒްއާއި، އެނުއަލް ވެޓްލޭންޑް އާރޓް ކޮމްޕެޓިޝަން ކުރިއަށްދާނެ އެވެ. އެގޮތުން ވެޓްލޭންޑް ކުއިޒްއާއި އެނުއަލް ވެޓްލޭންޑް އާރޓް ކޮމްޕެޓިޝަންގައި އެއްވަނަ، ދެވަނަ، އަދި ތިންވަނައަށްދާ ފަރާތްތަކަށް އިނާމްތަކެއް ހުށަހެޅިފައިވެއެވެ.
މިފެއަރގައި ބައިވެރިވެވެނީ އުމުރުން 9 އަހަރުން ފެށިގެން 12 އަހަރާއި ދެމެދުގެ ކުދިންނަށެވެ.
ނޭޗަރ ޕާކުގައި ދެވޭ ހިދުމަތްތަކުގެ ތެރޭގައި މުޅި ނޭޗަރ ޕާކް ބަލާލުމަށް ބޭނުންވާ މީހުންނަށް ބައިސިކަލް ހަޔަރ ކުރެވުމާއި، ބަގީ ހަޔަރ ކުރުމާއި، ސްނޯކްލިން، ކެނޯ ޕެޑަލް ބޯޓާއި، އަދިއޯލް އިންކްލޫސިވްގެ އިތުރުން ޓުއަރއެއްގެ ހިދުމަތްވެސް ލިބޭނެއެވެ. އެގޮތުން އެންމެ ބޮޑު ތަރުހީބެއް ލިބެމުން އަންނަނީ ކެނޯ ޕެޑަލް ބޯޓާއި އޯލް އިންކްލޫސިވްއަށް ކަމަށް އަފާއު ވިދާޅުވިއެވެ.
އަދި ނޭޗަރ ޕާކުގެ ޓުއަރގެ ތެރެއިން އެތަނުގައި ހިމެނޭ ތާރީހީ ތަންތަނުގެ ވަރަށް ގިނަ މައުލޫމާތު ދެވޭއިރު މިއީ އައްޑޫގެ ގިނަ ރައްޔިތުންނަށް ނޭނގޭ މައުލޫމާތުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާއިލާތަކުން ޕިކްނިކް ހަދާލުމަށާއި މޫދަށް އެރިލުމަށްވެސް ނޭޗަރ ޕާކަށް ޒިޔާރަތްކުރެއެވެ.