ކ. މާލެ
|
31 ޖެނުއަރީ 2019 | ބުރާސްފަތި 20:36
އެންތޮނީ މާޝިއާލް (ކ)
އެންތޮނީ މާޝިއާލް (ކ)
ޓްވިޓަރ
އެންތޮނީ މާޝިއާލް
އިތުރު ފަސް އަހަރަށް މާޝިއާލް އެއްބަސްވުން އާކޮށްފި
މާޝިއާލްގެ އާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރު

މެންޗެސްޓާ ޔުނައިޓެޑާއެކު ފްރާންސްގެ ފޯވާޑް އެންތޮނީ މާޝިއާލް ހަދާފައިވާ އެއްބަސްވުން އިތުރު ފަސް އަހަރަށް އާކޮށްފިއެވެ.

މާޝިއާލް އެއްބަސްވުން އާކުރިކަން ޔުނައިޓެޑުން ކަށަވަރުކޮށްދީފައިވާއިރު، އޭނާގެ އާ އެއްބަސްވުމުގެ ދަށުން އެ ކްލަބުގައި 2024 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ޖެހޭނެއެވެ.

އެއްބަސްވުން އާކުރުމަށްފަހު މާޝިއާލް ބުނީ، ޔުނައިޓެޑަކީ އަބަދުވެސް ތަށިތައް ކާމިޔާބުކުރަން ބޭނުންވާ ކްލަބެއް ކަމަށާއި، މުސްތަގުބަލުގައި ކްލަބާއެކު ގިނަ ތަށިތަކެއް ކާމިޔާބުކުރަން ބޭނުންވެފައި ހުރި ކަމަށެވެ.

އުމުރުން 23 އަހަރުގެ މާޝިއާލް ޔުނައިޓެޑުގެ އެއްބަސްވުން އާކުރީ ޖެނުއަރީ ޓްރާންސްފާގައި އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނަނިކޮށެވެ.

ފްރާންސްގެ ލިޔޯން އިން ކެރިޔަރު ފެށި މާޝިއާލް ވަނީ އެ ކްލަބަށް ހަތަރު މެޗު ކުޅެފައެވެ. އެ ކްލަބް ދޫކޮށް އޭނާ ވަނީ މޮނާކޯ އަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވެފައެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު މެޗުގައި 15 ލަނޑު ކާމިޔާބުކޮށްފައެވެ.

މޮނާކޯގައި ތިން ސީޒަން ހޭދަކުރުމަށްފަހު މަޝިއާލް ޔުނައިޓެޑަށް ބަދަލުވީ 2015 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 161 މެޗުގައި 46 ލަނޑު ކާމިޔާބުކޮށްފައެވެ.

މާޝިއާލް ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕް، ލީގް ކަޕް، ޔުއެފާ ޔޫރޮޕާ ލީގު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ގޯލްޑެން ބޯއި އެވޯޑުވެސް ހާސިލުކޮށްފައެވެ.

ފްރާންސުގެ ގައުމީ ޓީމާއެކު 2016 ވަނަ އަހަރުގެ ޔޫރޯގެ ދެވަނަ ނެގި މާޝިއާލް ވަނީ އެ ޓީމަށް ކުޅުނު 18 މެޗުގައި އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް