ކ. މާލެ
|
31 ޖެނުއަރީ 2019 | ބުރާސްފަތި 20:38
އިވާން ރަކިޓިޗް
އިވާން ރަކިޓިޗް
ގެޓީ އިމޭޖަސް
އިވާން ރަކިޓިޗް
ބާސާގައި މިހުރީ ވަރަށް ހިތްހަމަޖެހިގެން: ރަކިޓިޗް
ރަކިޓިޗްގެ އެއްބަސްވުން ހަމަވާނީ 2021 ގައި

ބާސެލޯނާގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށް އެ ކްލަބަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފިލްޑަރު އިވާން ރަކިޓިޗް ބުނެފިއެވެ.

ކޮޕަޑެލްރޭގައި ސެވިއްޔާ އަތުން 1-6 ގެ ނަތީޖާއަކުން ބާސާ މޮޅުވި މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ރަކިޓިޗް ބުނީ، ބާސާގައި އޭނާ ހުރީ ކުރިއަށްވުރެ ހިތްހަމަޖެހިގެން ކަމަށެވެ.

އެގޮތުން ރަކިޓިޗް ބުނީ، ކުރިމަގު އޮތީ ބާސާއާއެކު ކަމަށާއި، ދިގު މުއްދަތަކަށް ބާސާގައި މަޑުކުރަން ބޭނުންވާ ކަމަށެވެ.

ރަކިޓިޗް އަށް ގިނަ ކްލަބްތަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި އޭނާ ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އެވެ.

ބާސާއާއެކު އުމުރުން 30 އަހަރުގެ ރަކިޓިޗް ހަދާފައިވާ އެއްބަސްވުން 2021 ގައި ހަމަވާއިރު، އޭނާގެ ރިލީޒް ފީ އަކީ 125 މިލިއަން ޔޫރޯއެވެ.

ބަސެލް އިން ސީނިއާ ކެރިޔަރު ފެށި ރަކިޓިޗް ވަނީ ޝާލްކޭ އާއި ސެވިއްޔާ އަށް ވެސް ކުޅެފައެވެ. އޭނާ ބާސާ އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ.

އެގޮތުން ރަކިޓިޗް ވަނީ މިހާތަނަށް ބާސާ އަށް ކުޅުނު 245 މެޗުގައި 34 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލަލީގާ ތިން ފަހަރު، ކޮޕަޑެލްރޭ ހަތަރު ފަހަރު، ސްޕެނިޝް ސުޕަ ކަޕް ދެފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއްފަހަރު، ޔުއެފާ ސުޕަ ކަޕް އެއްފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

ކްރޮއޭޝިއާ ގައުމީ ޓީމާއެކު މިދިޔަ އަހަރު ނިމުނު ފީފާ ވޯލްޑް ކަޕްގެ ދެވަނަ ހޯދި ރަކިޓިޗް ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 100 މެޗުގައި 15 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް