އެސްޓީއޯގެ ހަތަރު ވަނަ ކުއާޓަރގައި 2.6 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯގެ 2018 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރގެ ހިސާބުތައް ޢާއްމުކޮށްފައިވާއިރު މިއީ އޭގެ ކުރީ ކުއާޓަރއާ އަޅާ ބަލާއިރު 168 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އެއީ ހަތެއް އިންސައްތައިގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެޔޮ ވިއްކި ޢަދަދު އިތުރުވެފައިވުމާއި އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް އިތުރުވެފައިވެފައި ވުމެވެ. އެ ގޮތުން، އެސްޓީއޯ އިން ވިއްކި ތެލުގެ ޢަދަދު ވަނީ އޭގެ ކުރީ ކުއާޓަރއާ އަޅާބަލާއިރު ހައެއް އިންސައްތަ އިތުރުވެފައެވެ.
މީގެ އިތުރުން، ތެޔޮ ފިޔަވާ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް ވަނީ ހަތެއް އިންސައްތަ އިތުރުވެފައި ވެއެވެ.
ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވުމާ އެކު، ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ ވެސް ވަނީ އޭގެ ކުރީ ކުއާޓަރއާ އަޅާބަލާއިރު 49 މިލިއަން ރުފިޔާ އިތުރުވެފައެވެ. މިއީ 17 އިންސައްތައިގެ ކުރިއެރުމެކެވެ.
2018 ގެ 3 ވަނަ ކުއާޓަރއެކޭ އެއްގޮތަށް އަހަރުގެ ހަތަރު ވަނަ ކުއާޓަރގައި ވެސް އެސްޓީއޯ އިން އެންމެ ބޮޑު އިސްކަމެއް ދިނީ ތެލުގެ އަގު އެއްވަރަކަށް ހިފަހައްޓައި، ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެން އިޤްތިޞާދަށް ކުރާ އަސަރު ކުޑަކުރުމަށް ކަމަށް އެކުންފުނިން ބުންޏެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން އެސްޓީއޯގެ ހަތަރު ވަނަ ކުއާޓަރގެ ފައިދާއަކީ 88 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 57 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކްސްއަށް ކެނޑުމަށް ފަހު އެސްޓީއޯގެ 2018 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރގެ ފައިދާއަކީ 66 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 39 އިންސައްތައިގެ ކުރިއެރުމެކެވެ. އެސްޓީއޯގެ ސާފު ފައިދާ އޭގެ ކުރީ ކުއާޓަރއާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން އިތުރުވެފައިވުމާ އެކު ޙިއްޞާއަކަށް ޖެހޭ ފައިދާ ވަނީ 39 އިންސައްތަ އިތުރުވެފައެވެ.