ދިރާގުން ފޯރުކޮށްދެންމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާކަން އެ ކުންފުނިން ހާމަ ކޮށްފިއެވެ.
ދިރާގުން ބުނީ މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ 31 ޖަނަވަރީ އިން ފެށިގެން 3 ފެބްރުއަރީ 2019 ގެ ނިޔަލަށް ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް އެއްވެސް މެދުކެނޑުމެއްނެތި ޑޭޓާ، އެސްއެމްއެސް އަދި ވޮއިސް ކޯލް ކުރެވުނު ނަމަވެސް، މަސައްކަތް ކުރިއަށްދާ މުއްދަތުގައި ބައެއް ސަޕޯޓް ޚިދުމަތްތައް މެދުކެނޑޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
އެގޮތުން އެ މުއްދަތުގައި ދިރާގުގެ ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތް މެދުކެނޑާލާނެ ކަމަށާއި، ނަމަވެސް އެ މުއްދަތުކުގެ ތެރޭގައި އެއްވެސް ޚިދުމަތެއް ކަނޑާނުލާނެ ކަމަށްވެސް ދިރާގުން ވަނީ ބުނެފައެވެ. އެހެންކަމުން ފޯނުކުރުމާއި، އެސްއެމްއެސް އަދި ޑޭޓާ ގެ ޚިދުމަތް މެދުކެނޑުމެއްނެތި ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން މި ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުގެރޭ ބާރައިން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެރޭ 23:59 އާއި ހަމައަށް ދިރާގު ކަސްޓަމަރ ސަރވިސް ސެންޓަރުތަކާއި، ދިރާގު ޕާޓްނަރ ޝޮޕްތަކުގެ ޚިދުމަތް މެދުކެނޑުމުގެ ފުރުޞަތު އޮތްކަމަށް ދިރާގުން ވަނީ ބުނެފައެވެ. އަދި މި ވަގުތުތަކުގައި ދިރާގުގެ އޮންލައިން ޚިދުމަތްތައް ކަމަށްވާ، ދިރާގު ވެބްސައިޓްގައިވާ 'މައި އެކައުންޓް' ގެ ދަށުން ލިބޭ ޚިދުމަތްތަކާއި، ދިރާގު މޯބައިލް އެޕާއި، މަމެން މޯބައިލް އެޕަގައިވާ ބިލްޑް އަދި ޓޭކްބެކް ފީޗަރ އާއި ދިރާގުޕޭގެ އިތުރުން ދިރާގު ސެލްފް ކެއާ ޗެނަލްސް (އެސްއެމްއެސް އަދި #123*) ގެ ޚިދުމަތްވެސް މެދުކެނޑުމުގެ ފުރުޞަތު އޮތްކަމަށް ދިރާގުން ވަނީ ހާމަކޮށްފައެވެ.
މި ޚިދުމަތްތަކުގެ އިތުރުން ޕްރީޕެއިޑް ރީލޯޑް އަދި ރީޗާރޖް ޚިދުމަތްތައް 1 ފެބްރުއަރީ 2019 ގެ 00:00 އިން 23:59 ގެ ނިޔަލަށް މެދުކެނޑިގެންދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.