ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 15:12
މަޝްހޫރު އެކްޓަރު ރަޖްނީކާންތުގެ ފިލްމެއްގެ ޕޯސްޓަރަކަށް މީހަކު ގެރީގެ ކިރު އަޅަނީ، މި ގޮތަށް ކަން ކުރުމަކީ ފިލްމުގެ ވިޔަފާރި ރަނގަޅުވާ ކަމެއް ކަމަށް އެ މީހުން ދެކޭ
މަޝްހޫރު އެކްޓަރު ރަޖްނީކާންތުގެ ފިލްމެއްގެ ޕޯސްޓަރަކަށް މީހަކު ގެރީގެ ކިރު އަޅަނީ، މި ގޮތަށް ކަން ކުރުމަކީ ފިލްމުގެ ވިޔަފާރި ރަނގަޅުވާ ކަމެއް ކަމަށް އެ މީހުން ދެކޭ
މުހައްމަދު ޝަރުހާން
އިންޑިއާ
ތަމަޅަ ފިލްމެއްގެ 'ނަސީބު އިތުރުކުރުމަށް' 10،000 ލީޓަރުގެ ކިރު ވަގަށް ނަގައިފި
ކިރު ވަގަށް ނަގާފައި ވަނީ ތަމަޅަ އެކްޓަރެއްގެ ވީޑިއޯ މެސެޖަކާ ގުޅިގެން

ތަމަޅަ ފިލްމެއްގެ 'ނަސީބު އިތުރުކުރުމަށް' ކަމަށް ބުނެ އިންޑިއާގެ ޓެމިލްނާޑޫގެ އެކި ހިސާބުތަކުގައި ޖުމްލަ ދިހަ ހާސް ލީޓަރުގެ ކިރު ވަގަށް ނަގައިފިއެވެ.

ބުދުތަކަށާއި ފިލްމު ޕޯސްޓަރު ފަދަ ތަކެއްޗަށް ގެރީގެ ކިރު އެޅުން، ނުވަތަ "ޕާލް އަބިޝޭކަމް" އަކީ ނަސީބު އިތުރު ކުރުމަށް ކަމަށް ބުނެ، ހިންދޫ ދީނުގައި އާންމުކޮށް ކޮށްއުޅޭ ކަމެކެވެ. އަދި މިއީ އިންޑިއާގެ ޓެމިލް ނާޑޫގައި ވަރަށް އާންމުކޮށް ކޮށްއުޅޭ ކަމެކެވެ.

ނިމިގެން ދިޔަ ހަފްތާގައި ޓެމިލްނާޑޫގައި ކިރު ވަގަށް ނެގުން އިތުރުވެފައި ވަނީ މަޝްޙޫރު ތަމަޅަ އެކްޓަރު ސިލަމްބަރަސަން، އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ރިލީޒްކުރާ އޭނާގެ ފިލްމު 'ވަންތަ ރާޖަވަތަން ވަރުވެން'ގެ ވިޔަފާރި އިތުރު ކުރުމަށް، އެ ފިލްމުގެ ޕޯސްޓަރަށް 'ފީފާތައް ފުރައި' ކިރު އެޅުމަށް އޭނާގެ ފޭނުންގެ ގާތުގައި އެދުމާ ގުޅިގެންނެވެ.

ވީޑިއޯ މެދުވެރިކޮށް ސިލަމްބަރަސަން އޭނާގެ ފޭނުންނަށް ދިން މެސެޖު ވައިރަލް ވެގެންދިއުމާ އެކު، ދެ ދުވަހެއްގެ ތެރޭގައި ޓެމިލްނާޑޫގެ އެކި ހިސާބުތަކުގައި ކިރު ވިއްކާ ފަރާތްތަކުން ވަނީ އެ ފަރާތްތަކުގެ ފިހާރަތަކުން ޖުމްލަ ދިހަ ހާސް ލީޓަރަށް ވުރެ ގިނަ ކިރު ވަގަށް ނަގާފައިވާކަން ރިޕޯޓްކޮށްފައެވެ.

ސިލަމްބަރަސަންގެ ފިލްމު 'ވަންތަ ރާޖަވަތާން ވަރުވެން' ގެ ޓްރެއިލަރ:

މިކަމާ ގުޅިގެން ނުރުހުން ފާޅުކޮށް، ޓެމިލްނާޑޫ މިލްކް ޑީލަރޒް އެމްޕްލޯއީޒް ވެލްފެއާ އެސޯސިއޭޝަންގެ ރައީސް އެސް.އޭ. ޕޮންނުސާމީ ވިދާޅުވެފައި ވަނީ މަޝްޙޫރު މީހުން މިފަދަ ކަންކަން ކުރުމަށް ގޮޥާލުމަކީ ޒުވާނުން މަގުފުރެދި، ޤާނޫނީ ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

ފިލްމު ރިލީޒް ކުރުމާ އެކު ކިރު ވަގަށް ނަގާ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭތީ، ކިރު ވިއްކާ ފަރާތްތަކަށް ފުލުހުން ހިމާޔަތް ދިނުމަށް ވެސް ޓެމިލްނާޑޫ މިލްކް ޑީލަރޒް އެމްޕްލޯއީޒް ވެލްފެއާ އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ. އެ އެސޯސިއޭޝަނުން ބުނީ ޓެމިލްނާޑޫގެ އާބާދީގެ 25 އިންސައްތައަކީ އާންމުކޮށް ކެއިންބުއިމަށް ބޭނުންވާ މިންވަރަށް ކިރު ގަތުމުގެ މާލީ ކެރިފޯރުންތެރިކަން ނެތް ފަރާތްތަކަށް ވާއިރު މިފަދައިން ކިރު ބޭނުންކުރުމަކީ ކުރެވޭ ބޮޑު އިސްރާފެއް ކަމަށެވެ.

- ކޮމެންޓް