ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 12:55
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރައީސް އޮފީސް
ކުރީގެ ރައީސް ނަޝީދު
އެލެކްސް އަކީ ކާކު؟ ނަޝީދުތަ؟
އެލެކްސްއަކީ އެމަނިކުފާނެއް ނޫނޭ ވިދާޅެއްނުވޭ

"ރައީސް ނަޝީދަކީ ރައީސް ނަޝީދު، އެލެކްސް އަކީ އެލެކްސް" މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަސްމީ ޓްވިޓަރ އެކައުންޓުގެ އިތުރުން އެހެން ޓްވިޓަރ އެކައުންޓެއް ގެންގުޅުއްވަންތޯ ކުރި ސުވާލަށް އެމަނިކުފާނު ދެއްވި ޖަވާބެވެ. 

ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ "އެލެކްސް އަހުމަދު" ނަމަކަށް ކިޔާ ޓްވިޓަރ އެކައުންޓުގެ ބެހޭގޮތުންް ވާހަކަފުޅު ދައްކަވާފައެވެ. 

ތޭރަ ހާސް ހަތްސަތޭކަ މީހުންނަށް ވުރެ ގިނަ މީހުން ފޮލޯކުރާ އެ އެކައުންޓަކީ ސީދާ އެމަނިކުފާނުގެ އެކައުންޓެއްތޯ ކުރި ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައިނުވި ނަމަވެސް އެމަނިކުފާނު އެކަން ދޮގުކުރައްވާފައެއް ވެސް ނުވެއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، އެލެކްސް ފުރަތަމަ އާންމުންނަށް އެނގިގެން ދިޔައީ އެލެކްސްގެ މަންމައަކީ ރައީސް ނަޝީދުގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ބުނި ހިސާބުން ކަމަށެވެ. 

"އެލެކްސް އަކީ 21 އަހަރުގެ ފިރިހެން ކުއްޖެއް. ދެން އޭނާގެ މަންމަގެ ބެސްޓް ފްރެންޑޯ އޭނާ ބުނާގޮތުގަ އަޅުގަނޑަކީ، ރައީސް ނަޝީދަކީ. ދެން އެހެންވީމަ މިގޮތަށް އެލެކްސް އަޅުގަނޑުމެންނަށް ފުރަތަމަ ފާހަގަ ވެގެންދިޔައީ. އޭގެ ފަހުން އަނެއްކާ ކިތަންމެ ފަހަރަކު އެލެކްސް ތި ވިދާޅުވާހެން އެބަހުރި އަމިއްލައަށް ބުނެފަ ތިމަންނާއަކީ މިވެނި މީހެކޭވެސް، ޝައްކު ނުއުފެދޭ ހިސާބަށްވެސް އަޅުގަނޑަށް ހީވަނީ އެލެކްސް އެވާހަކަ ދައްކަމުން ގެންދޭހެން، އިނގޭތޯ؟ " ނަޝީދު ވިދާޅުވިއެވެ.  

ނަޝީދު އެހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނާއި އަނބިކަނބަލުން ރާއްޖެ ވަޑައިގަތް ދުވަހު އަނބިކަނބަލުން ކަރުގައި އޮތް ފަށުފުލުގެ ފޮޓޯވެސް ފުރަތަމަ ޓްވީޓް ކޮށްފައިވަނީ އެ އެކައުންޓުންނެވެ. އެތައް ފަހަރަކު އެ އެކައުންޓުން ރައީސް ނަޝީދުގެ ނަމުގައި ޓްވީޓް ކުރައްވާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން ދަރިކަނބަލުންގެ ޓްވީޓުތަކުގެ ބަހުރުވަ ރަނގަޅުކުރުމަށްވެސް އެ އެެކައުންޓުން ޓްވީޓް ކުރައްވާފައި ހުރި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. 

ޕްރޮފައިލަށް ރައީސް ނަޝީދާ ގުޅޭ ގޮތުން ހަދާފައިވާ އައިލެންޑް ޕްރެޒިޑެންޓްގައި ދައްކާ ޖަލު ގޮޅީގެ ފޮޓޯ ލާފައިވާ އެލެކްސް އަހުމަދަކީ ރައީސް ނަޝީދު ނޫންތޯ ކުރި ސުވާލަށް ނުސީދާ ޖަވާބެއް ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނަކީ ހިޔާލީ ވާހަކަ ލިއެ އުޅުއްވާ ބޭފުޅެއް ކަމަށާއި، "ހަސަން ކުރުސީ" ކިޔާ ވާހަކަ ސީރީޒެއް އެމަނިކުފާނު ލިއުއްވާ ކަމަށެވެ. 

"އެއްސެވީ އެލެކްސްގެ ވާހަކަ. ދެން ރިއަލިސްޓިކް ފެކްޝަން، ނުވަތަ ހަޤީޤީ ހިޔާލު، އެއީ އަޅުގަނޑަށް ފެންނަ ފެނުމުގައި އެކި ކަންކަން ދެނެގަތުމަށް. މިހާރު އަޅުގަނޑުމެން މި އުފައްދަނީ ޝަހުޝެއް. ހިޔާލީ ޝަހުޝެއް. އުފައްދާފައި އެ ޝަހުޝަށް މިދެނީ ދިރިއުޅުމުގެ ހަޔާތެއް. ދިނީމާ އޭނާ ގޮސް ކުރާ ކަންކަމަކީ ކޮބާތޯ ގަލަމުން މި ފެންނަނީ. އެލިބެނީ ފުރުސަތެއް ހަޔާތެއް އެކީގަ ހޯދަން،" ނަޝީދު ވިދާޅުވިއެވެ. 

ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ ހަމައެކަނި ސިޔާސީ ކަންކަން ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި، ސިޔާސީ މަސައްކަތާއި ލިއުމުގެ މަސައްކަތް އެއީ ތަފާތު ކަމެއް ކަމަށެވެ. އެގޮތުން އެލެކްސް އަކީ އެމަނިކުފާނު ލިއުއްވި ފޮތުގައި އުޅޭ "ހަސަން ކުރުސީގެ" ހަގު ކޮއްކޮ ކަމަށްވެސް ވެދާނެ ކަމަށް ސަމާސާ ރާގެއްގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. 

އެހެންވެ ހަގީގަތުގައި އެލެކްސް އަކީ ކާކުތޯ މި ވަނީ ސުވާލު އުފެދިފަ އެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
29 ޖެނުއަރީ 2019 | އަންގާރަ 21:56
އައިން
އެއީ މަމެންގޭ އެލެކްސް ބޭބެ. ބޭބެއަކީ ދިވެހި ރައްޔިތެއް ނަމަވެސް އެއްފަޅި ޔޫރަޕް. ހިތްހެޔޮ، ޕްރޮޓެކްޓިވް ވަރަށް ވެސް ވަފާތެރި މީހެއް.
29 ޖެނުއަރީ 2019 | އަންގާރަ 21:53
ވައިޓް
އެއީ މއ.އެރޯވިލާ ގޭ އެލެގްޒެންޑަރ ނަޝީދު ކިޔާ މީހެއް. އޭނާއަކީ ހާފް ދިވެއްސެއް. މައުމޫނު ޒަމާނުގަ ކަމަކުންކަމަަކާ ނުވާ މައްސަލައެއްގަ ލައިރު ޖަލަށްލީ އެންމެ ނުބައިމީން ތިބޭތަނަށް. އެހިސާބުން މަސްތުވާއެއްޗިއްސާ ގާތް ވެވުނީ. އެ ހުރިހާ އަނިޔާއެއް ލިބުނީ ބއާއިލާއަކީ ނރައީސް ނަޝީދުއާ ގާތް އާއިލާއަކަށްވެފަ ސިޔާސީގޮތުން އެއްޗިހި ބުނެގެން އެގޭ އަންކަލްވެސް އަރުވާލާ ހަދާފަ ހުރީމަ. އެލްކްސްއަކީ ވެސް ބާކީ ކޮއްފަ ހުރި މީހެއް. ކުރީޒަމާނުއްސުރެ އަހަރެމެންގެ އޮންނަ ނުބައި އާދައަކީ .ތިމާނެންނާ ކިރިޔާ ތަފާތު މީހެއްވިޔަސް ބާކީ ކޮއްލާ އުސޫލު. އެމްޑީޕީ އުފެދުމުގެ ކުރިންވެސް އެފިކުރުގެ މިނިވަން ޚިޔާލުގެ މީހުން އެލެކްސް ބަލައިގަތް. މަސްތުވާއެއްޗިއްސާ ދުރުގަވެސް ހުރި. އޭނައަކީ ވަރަށް އޯޕަންކޮށް ތެދަށް ވާހަކަ ދައްކާ ، ހިތްހެޔޮ ބޭބެއެއްފަދަ މީހެއް.