ކ. މާލެ
|
24 ޖެނުއަރީ 2019 | ބުރާސްފަތި 22:22
ހަދަމުންދާ 220 ސެންޓްރަލް ޕާކްގެ ފޮޓޮއެއް
ހަދަމުންދާ 220 ސެންޓްރަލް ޕާކްގެ ފޮޓޮއެއް
ގެޓީ އިމޭޖަސް
އެމެރިކާގެ ރިއަލް އެސްޓޭޓް ވިޔަފާރި
މެންހަޓަންގެ އެޕާޓްމަންޓެއް 238 މިލިއަން ޑޮލަރަށް ގަނެފި!
މި އެޕާޓްމަންޓަކީ މިހާރު އެމެރިކާގައި ހުރި އެއްމެ އަގު ބޮޑު އެޕާޓްމަންޓު
އެޕާޓްމަންޓުގެ ބޮޑުމިނުގައި 25000 އަކަ ފޫޓު ހުރޭ

އެމެރިކާގެ ނިއުޔޯކުގެ މެންހަޓަންގައި ހަދަމުން އަންނަ 220 ސެންޓްރަލް ޕާކް ޓަވަރުން އެޕާޓްމަންޓެއް، 238 މިލިއަން ޑޮލަރު (3.7 ބިލިއަން ރުފިޔާ) ދީފައި ގަނެފިއެވެ.

މަޝްހޫރު ސެންޓްރަލް ޕާކް ފެންނަ ގޮތަށް ހުންނަ އެޕާޓްމަންޓް ގަނެފައި ވަނީ އެމެރިކާގެ ބިލިއަނަރު ކެން ގްރިފިންއެވެ. މިލްކިއްޔާތުގައި 8.7 ބިލިއަން ޑޮލަރު ހުރި ގްރިފިންއަކީ ހެޖް ފަންޑް ސިޓަޑެލްގެ ބާނީއެވެ. މި އެޕާޓްމަންޓަކީ މިހާރު އެމެރިކާގައި ހުރި އެއްމެ އަގު ބޮޑު އެޕާޓްމަންޓެވެ.

މި އެޕާޓްމަންޓުގައި ހަތަރު ފަންގިފިލާ ހުންނަ އިރު، ތަނުގެ ބޮޑު މިނުގައި 24000 އަކި ފޫޓު ހުރެއެވެ. ގްރިފިތްސް މި ތަން ގަނެފައި ވަނީ އިންޓީރިއަރ އާއި ނުލައި ކަމަށް ވުމުން، އަދި އޭނާ ބޭނުންވާ ގޮތަށް ތަން ހެދުމުން ތަނުގެ އަގު އިތުރު ވެގެން ދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ގްރިފިން ވަނީ މީގެ ކުރިން ވެސް ބޮޑު އަގުގައި އެތަށް އެޕާޓްމަންޓެއް ގަނެފައެވެ. މިދިޔަ ހޯމަ ދުވަހު ވެސް ގްރިފިން ވަނީ ލަންޑަންގެ ބަކިންހަމް ޕެލެސް ކައިރީގައި ހުންނަ ގެއެއް 124 މިލިއަން ޑޮލަރަށް (1.92 ބިލިއަން ރުފިޔާ) ގަނެފައެވެ. އަދި އެމެރިކާގެ މަޔާމީ، ޗިކާގޯ، ޕާމް ބީޗް އަދި ހަވާއީގައި ވެސް ގްރިފިން ބޮޑު އަގު ދީފައި ގަނެފައި ހުރި އެޕާޓްމަންޓްތައް ހުރެއެވެ.

ނިއުޔޯކުގައި ހަދަމުން އަންނަ 220 ސެންޓްރަލް ޕާކްއަކީ "ބިލިއަނަރޒް ރޯ" ކިޔާ މަގެއްގައި ހަދަމުން އަންނަ 79 ބުރީގެ އިމާރާތެކެވެ. ނިއުޔޯކުގައި މަތީ ފަންތީގެ ގެދޮރުގެ ބާޒާރު ދަށަށް ގޮސްފައިވާ ދުވަސްވަރެއްގައި މި އިމާރާތުގެ 80 އިންސައްތަ ވިކިފައިވާ ކަމަށް މި އިމާރާތް ތަރައްގީ ކުރަމުން އަންނަ ވޯރނާޑޯ ރިއަލްޓީ ޓްރަސްޓްއިން ވަނީ ބުނެފައެވެ.

މި އެޕާޓްމަންޓު މިހާ ބޮޑު އަގެއްގައި ގަނެފައިވާ އިރު، ދުނިޔޭގައި ހުރި އެއްމެ އަގު ބޮޑު އެޕާޓްމަންޓަކީ މޮނަކޯގެ އޯޑިއޯން ޓަވަރުގައި ހުންނަ ޕެންޓްހައުސްއެވެ. 38000 އަކަ ފޫޓު ހުންނަ އެޕާޓްމަންޓްގެ އަގަކީ 400 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) އެވެ.

- ކޮމެންޓް