މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކައިވެނި ކުރި ބޮލީވުޑްގެ ދެމަފިރިން ކަމަށްވާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް ވަނީ މި މަހުގެ ކުރީކޮޅު ސްރީލަންކާ އަށް ގޮސްފައެވެ.
މީޑިއާ އަދި ގާތް ރައްޓެހިން ހީކޮށްގެން ތިބީ މި ދެމަފިރިން ލަންކާއަށް ދިޔައީ ހަނީމޫނަށް ނުވަތަ ކުރު ޗުއްޓީއަކަށް ކަމަށެވެ. ނަމަވެސް ދާދި ފަހުން އެނގުނު ގޮތުގައި އެ ދެ މީހުން ލަންކާއަށް ގޮސްފައި ވަނީ އެހެން ކަމަކުއެވެ. އެއީ ރައްޓެއްސެއްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށެވެ.
އެކަން އެނގިފައި ވަނީ ފެޝަން ޑިޒައިނާ ސަބްޔާސަޗީ މުކަރްޖީ ހިއްސާކޮށްފައިވާ ފޮޓޯގައި ދިޕިކާ ފެނިގެންދާތީއެވެ.
ސްރީލަންކާގެ ވިލާ ބެންޓޯޓާގައި ބޭއްވި މި ހަފްލާގައި ނަގާފައިވާ ފޮޓޯއެއްގައި ސްރީލާ ތައްޔާރުކުރުމަށްޓަކައި ދިޕިކާ އެހީތެރިވެ ކަންފަތުގައި އިޔަރ ރިންގް ލައްވާ މަންޒަރު ފެނިގެން ދެއެވެ.
ދިޕިކާގެ ކައިވެނީގައި ވެސް އޭނާގެ ހެދުމާއި ގަހަނާ ޑިޒައިން ކޮށްފައި ވަނީ ސަބްޔާސަޗީއެވެ. މީގެ އިތުރުން ރަންވީރުގެ ޝެރްވާނީ ވެސް ޑިޒައިން ކޮށްފައި ވަނީ ހަމަ ސަބްޔާސަޗީއެވެ.
ދީޕިކާ އާއި ރަންވީރު ކައިވެނި ކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 އަދި 15 ގައި އިޓަލީގެ ލޭކް ކޯމޯގައެވެ. އެ ހަފްލާގައި ދެ ފަރާތުގެ ގާތް އެކުވެރިންނާއި އާއިލާ ވަނީ ބައިވެރިވެފައެވެ. މި ހަފްލާ ބާއްވާފައި ވަނީ މީޑިއާއަށް ސިއްރުންނެވެ. ކައިވެނީގެ ފޮޓޯ އެދެމީހުން ފުރަތަމަ ހިއްސާކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 15 ގައެވެ. އެއަށް ފަހު ބެންގަލޯ އާއި މުމްބައީގައި އާއިލާ އާއި ބޮލީވުޑްގެ ފަންނާނުންނަށް ވަނީ ކައިވެނީގެ ހަފްލާ ބާއްވާފައެވެ.