ކ. މާލެ
|
20 ޖެނުއަރީ 2019 | އާދީއްތަ 20:52
ހޮނޑާފުށި އައިލެންޑް ރިސޯޓް
ހޮނޑާފުށި އައިލެންޑް ރިސޯޓް
ގޫގުލް
ފަތުރުވެރިން އިތުރުވުން
ފާއިތުވި އަހަރު އެއް މިލިއަން ހަތަރު ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި
އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޔޫރަޕުން

2018 ވަނަ އަހަރު އެއް މިލިއަން ހަތަރު ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރު މަސް ނިމުނު އިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ 2017 ވަނަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 6.8% އިތުރުވެފައި ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.  

އެގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ލިބިފައިވާ މައުލޫމާތާއި، ޓުއަރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް ފެސިލިޓީތަކުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހު ރާއްޖެއަށް އެއްލައްކަ ފަންސާސް ހާސް އަށްސަތޭކަ އަށާރަ ފަތުރުވެރިން ޒިޔާރަތް ކޮށް، ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދުވަނީ އެއްމިލިއަން ހަތަރު ލައްކަ އަށްޑިހަ ހަތަރު ހާސް ދުއިސައްތަ ހަތްދިހަ ހަތަރު ފަތުރުވެރިން ވަނީ ޒިޔާޒަރްކޮށްފައެވެ.

ޑިސެމްބަރު މަހުގެ ނިޔަލަށް ތައްޔާރުކުރެވިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 48.9 އިންސައްތަ ހިއްސާއާއި އެކު ޔޫރަޕްގެ ޤައުމުތަކުންނެވެ. ޑިސެމްބަރުމަހުގެ ނިޔަލަށް މިސަރަހައްދުން ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދު ހަތް ލައްކަ ސައްބީސް ހާސް ހަތަރު ސަތޭކަ ވިއްސަށް އަރާފައިވާއިރު، މިއީ 2017 ވަނައަހަރުގެ މިމުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނާއި އަޅާބަލާއިރު 12.4 އިންސައްތައިގެ ކުރިއެރުމެކެވެ.

ދެވަނަޔަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 41.9 އިންސައްތައއިގެ ހިއްސާއަކާއިއެކު އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުންނެވެ. އެގޮތުން ޑިސެމްބަރުމަހުގެ ނިޔަލަށް މިސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދު ވަނީ ހަ ލައްކަ އެކާވީސް ހާސް ހަތަރު ސަތޭކަ ތިރީސް އަކަށް އަރާފައިވެއެވެ.

ޑިސެމްބަރުމަހުގެ ނިޔަލަށް އެމެރިކާ ސަރަހައްދުން 4.6 އިންސައްތަ ހިއްސާއަކާއި އެކު ޖުމްލަ ފަސްދޮޅަސް އަށްހާސް ހައްސަތޭކަ ފަސްދޮޅަސް ހަތަރު ފަތުރުވެރިންނާއި، މެދުއިރުމަތީގެ ޤައުމުތަކުން ޖުމްލަ ފަންސާސް ދެހާސް އެއްސަތޭކަ ސާދަ ފަތުރުވެރިންނާއި އެފްރިކާ ސަރަހައްދުން ފަނަރަ ހާސް ތިން ސަތޭކަ ފަންސާސް ހަތަރު ފަތުރުވެރިން މީގެ ތެރޭގައި ހިމެނެއެވެ. ވެއެވެ. ވަކިވަކި މާރކެޓްތަކަށް ބަލާއިރު 2018 ވަނައަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 10 މާރކެޓަކީ، ޗައިނާ، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އިޓަލީވިލާތް، އިންޑިއާ، ރަޝިއާ ފަރަންސޭސިވިލާތް، ޔޫ.އެސް.އޭ، ޖަޕާން އަދި އޮސްޓްރޭލިއާ އެވެ.

މީގެ ތެރެއިން ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިމުއްދަތުގައި ދަށްވެފައި ވީނަމަވެސް ދެންހުރި މާރކެޓްތަކަށް ބޮޑެތި ކުރިއެރުން އައިސްފައިވެއެވެ

2018  ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް ގައި ރަޖިސްޓްރީ ކުރެވިފައިވާ ސާޅީސް ހަތަރު ހާސް އަށްސަތޭކަ ފަސްދޮޅަސް އެނދުގެ ތެރެއިން އެވްރެޖްކޮށް ސާޅިސް އެއްހާސް އަށްސަތޭކަ ހަތްދިދަ ހަތް އެނދު އޮޕަރޭޓް ކުރެވިފައިވާއިރު، މިމުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ 10.2 އިންސައްތަ އިތުރުވެފައެވެ.

- ކޮމެންޓް