ބާގްބާން ފަދަ މޮޅެތި ފިލްމުތައް އުފައްދާފައިވާ ބަލްދޭވް ރާޖް ކަޕޫރް 1978 ވަނަ އަހަރު ހަދާފައިވާ ހެއްވާ މަޖާ ފިލްމު ''ޕަތީ ޕަތުނީ އޮރް ވޯ'' ގެ ރިމޭކްގައި ހަރަކާތްތެރިވާ ތަރިންގެ ނަންތައް ހާމަކޮށްފިއެވެ.
''ހެޕީ ބާގް ޖާއެގީ'' ގެ ޑައިރެކްޓަރު މުދައްސަރު އަޒިޒް ޑައިރެކްޓްކުރާ މި ފިލްމުގެ ތަރިންގެ ނަންތައް ހާމަ ކޮށްފައިވަނީ އެ ފިލްމުގައި ފެނިގެންދާ އެއް ފަންނާނު ކަމުގައިވާ ބޫމީ ޕެޑްނޭކަރްއެވެ.
ބޫމީގެ އިންސްޓަގްރާމް އެކައުންޓުގައި އޭނާ ވަނީ އެ ފިލްމުގެ ޕޯސްޓަރެއް އަޕްލޯޑް ކޮށްފައެވެ. އެ ޕޯސްޓުން ފެނިގެންދަނީ ''އާކާޝްވާނީ'' ފިލްމު އިން އާއްމުންގެ ތެރެއަށް މަޝްހޫރުވެގެން ދިޔަ ކާރްތިކް އާރްޔާން އާއި ބޮލީވުޑްގެ މަޝްހޫރު ކޮމެޑިއަން ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ ޕާންޑޭއެވެ. އެ ޕޯސްޓަރުގައި ބޫމީވެސް ފެނިގެންދެއެވެ.
މި ފިލްމުން ފެނިގެން ދަނީ ދެމަފިރިއެއްގެ ދިރިއުޅުމުގެ ތެރެއަށް ވަންނަ އަންހެނެއްގެ ވާހަކައެވެ.
ޓީ-ސީރީޒް އާއި ބީއާރް ސްޓޫޑިއޯ ގުޅިގެން އުފައްދާ މި ފިލްމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޓީ-ސީރީޒްގެ ޗެއާމާން ބޫޝަން ކުމާރު ބުނީ، މި ފިލްމު ވެގެން ދާނީ ބެލުންތެރިން ވަރަށް ގަޔާވާނެ ފަދަ ފިލްމަކަށް ކަމަށެވެ. އަދި ފިލްމުގެ ލީޑްރޯލް ގައި ހަރަކާތްތެރިވާ ތިން ތަރިންނަކީވެސް ވަރަށް ހުނަރުވެރި ތަރިން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކާރްތިކް ވަނީ މީގެ ކުރިންވެސް ޓީ–ސީރީޒްގެ ''ސޯނު ކީ ޓިއްޓޫ ކީ ސްވީޓީ'' ފިލްމުގައި ހަރަކާތްތެރިވެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމަކީ ރިމޭކަކަށް ވިޔަސް ފިލްމު ހަދާނީ މިހާރުގެ އޯޑިއެންސަށް ކަމުދާ ގޮތަށް ކަމަށެވެ. މީގެ ކުރިން މި ފިލްމު ކުޅެން ޕިންކް އާއި ނާމް ޝަބާނާ އަދި މުލްކް ފަދަ ފިލްމުތަކުން މަޝްހޫރުވެގެން ދިޔަ ތާޕްސީ ޕަންނޫއަށްވެސް ހުށައަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކާރްތިކްއާ އަނަންޔާ މި ފިލްމުގައި ފެނިގެންދާއިރު، މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.