ޑައުން ސިންޑްރޯމް މީހުން މުވައްޒިފުންގެ މަސައްކަތްކުރާ އެމެރިކާގެ ބެޓީ އެންޑް ބޯ ކޮފީ ޝޮޕްތަކުގެ ކާމިޔާބީއާއި އެކު، އެ މީހުންގެ ތިން ވަނަ ކެފޭ ހުޅުވަން ތައްޔާރު ވެއްޖެއެވެ.
މި ކޮފީ ޝޮޕްތަކުގެ މޭސްތިރި ކަމުގައިވާ އެމީ ރައިޓް، ކެފޭތައް ހުޅުވީ ޑައުން ސިންޑްރޯމް މީހުންނަށް ވަޒީފާ ލިބުމުގައި ދަތިތަކެއް ހުރިކަން ދެނެގެން ކަމަށެވެ. އޭމީގެ ޑައުން ސިންޑްރޯމް ދެކުދިން ހުރެއެވެ. މި ކެފޭތަކަށް ނަން ދީފައިވަނީ އެ ދެ ކުދިންގެ ނަމުންނެވެ. އެމީ ބުނީ މި ކެފޭތައް ހެދުމުގެ މައިގަނޑު މަގުސަދަކީ، ޑައުން ސިންޑްރޯމް މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުން ކަމަށެވެ.
އެންމެ 19 މުވައްޒިފުންނާއި އެކީ ފެށި ވިޔަފާރީގައި މިހާރު 80 މުވައްޒިފުން ތިބޭ އިރު، މީގެ ތެރޭގައި ގިނައީ ޑައުން ސިންޑްރޯމް މީހުންނެވެ.
އެމީގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސީއެންއެންއިން ވަނީ އޭނާއަށް 2017 ވަނަ އަހަރުގެ ސީއެންއެން ހީރޯ އޮފް ދަ އިޔަރ އެވޯޑު ދީފައެވެ. އަދި މި އިނާމާއެކު އޭނާއަށް ވަނީ 100،000 ޑޮލަރުގެ ފައިސާގެ އިނާމެއް ވެސް ލިބިފައެވެ. އެމީ ބުނެފައިވަނީ މި އަހަރުގެ ތެރޭގައި އަދި އިތުރު ތަންތަނުގައި ކެފޭތައް ހުޅުވާނެ ކަމަށެވެ.
އެމީ ބުނެފައިވަނީ އޭނާގެ މި މަސައްކަތުގެ ސަބަބުން އެހެން ވިޔަފާރިތަކުން ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުމަށް ފަސް ނުޖެހޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވެފައިވާ ވަޒީފާ ހޯދުމުގެ ދަތިކަމުގެ މައްސަލައަށް ވެސް މިކަމުން ހައްލެއް ލިބިގެން ދާނެކަމަށް އެމީ ވަނީ ބުނެފައެވެ.
ޑައުން ސިންޑްރޯމް އަކީ އުފެދުމުގައި ހުންނަ އުނިކަމެކެވެ. ކްރޯމޮސޯމް އެއްގައި ހުންނަ އައިބެއްގެ ސަބަބުން އުނގެނުމުގައި ނުކުޅެދުންތެރިކަން ކުޑަކުދިންނަށް މެދުވެރި ކުރުވާ އެންމެ އާންމު ސަބަބެއްކަމަށް ބެލެވިފައިވަނީ ޑައުން ސިންޑްރޯމް އެވެ.