ކ. މާލެ
|
7 ޖެނުއަރީ 2019 | ހޯމަ 13:28
އިންޑިއާ ކުޅުންތެރިން ލަނޑަށް ފަހު އުފާފާޅުކުރަނީ
އިންޑިއާ ކުޅުންތެރިން ލަނޑަށް ފަހު އުފާފާޅުކުރަނީ
ޓްވިޓަރ
އޭޝިއަން ކަޕް
އޭޝިއަން ކަޕް: ތައިލޭންޑް ބަލިކޮށް އިންޑިއާ އަށް އުންމީދީ ފެށުމެއް
ތައިލޭންޑް އަތުން އިންޑިއާ މޮޅުވީ 1-4 ގެ ނަތީޖާއަކުން

އޭޝިއަން ކަޕްގައި ތައިލޭންޑް ބަލިކޮށް، އިންޑިއާ އިން ފެށުން ރަނގަޅުކޮށްފިއެވެ.

މުބާރާތުގެ ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗު އިންޑިއާ އިން ކާމިޔާބުކުރީ ތައިލޭންޑާ ވާދަކޮށް 1-4 ގެ ނަތީޖާއަކުންނެވެ.

އަބޫދާބީގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް އިންޑިއާއިންނެވެ. މި ލަނޑު 27 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ސުނިލް ޗެތުރީއެވެ.

އެހެންނަމަވެސް 33 ވަނަ މިނެޓުގައި ތައިލެންޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑަންގްޑާއެވެ. މި ލަނޑާ އެކު އިންޑިއާ އިން ލީޑު އަނބުރާ ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރިއެވެ.

ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު ވެސް އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ފުރަތަމަ މިނެޓު ތެރޭގައި އިންޑިއާ އިން ވަނީ ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ސުނިލް ޗެތުރީއެވެ. އޭނާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

އިންޑިއާގެ ތިންވަނަ ލަނޑު 68 ވަނަ މިނެޓުގައި އަނީރުދް ތާޕާ ކާމިޔާބުކުރިއިރު، ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ 80 ވަނަ މިނެޓުގައި ޖޭޖޭއެވެ.

މި ގްރޫޕްގައި ހިމެނޭ ބަހުރެއިން އަދި ޔޫއޭއީ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

އެގޮތުން ގްރޫޕް ބީގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު މިވަގުތު އޮތީ އިންޑިއާއެވެ. ބަހުރެއިން އަދި ޔޫއޭއީއަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ތައިލޭންޑަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު ޔޫއޭއީއާ ދެކޮޅަށް އިންޑިއާ ނިކުންނައިރު، ހަމަ އެދުވަހު ތައިލޭންޑް ނިކުންނާނީ ބަހުރޭންއާ ދެކޮޅަށެވެ.

މިފަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވި ސާކް ހަމައެކަނި ގައުމަކީ އިންޑިއާއެވެ. އެގޮތުން ތައިލޭންޑް އަތުން އިންޑިއާ ހޯދި ކާމިޔާބީއަށް މި ސަރަހައްދުގެ ގައުމުތަކުގެ ސަޕޯޓަރުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް