Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2017 | އާދީއްތަ 18:02
އައްޑޫ ސިޓީ
އައްޑޫ ސިޓީ
މުހައްމަދު ޝަރުހާން
އައްޑޫ ސިޓީ
އައްޑޫ ފެނަށް ޖެހިފައި!
ފެނުގެ ނިޒާމު ގާއިމުކުރުން ވަނީ ހުއްޓިފައި
ސާފު ބޯފެނުގެ ނިޒާމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ކައުންސިލުން ބުނޭ

އައްޑޫ ސީޓީ ފެނަށް ޖެހިއްޖެ އެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ވާރޭ ނުވެހި މަހެއް ދެމަހެއްވާއިރު، އައްޑޫ ސިޓީ މީހުންނަށް ފެނުގެ ދަތިކަން ކުރިމަތިވަމުންދާ ކަމަށެވެ.

ތޮއްޔިބު ވިދާޅުވީ އާއްމުކޮށް ގޭގައި ބޭނުންކުރަނީ ވާރޭ ފެން ކަމަށާއި މިހާރު ގޭގައި ހުރި ފެންތާނގީތަކުންނާއި އާއްމު ފެންތާނގީތަކުން ފެން ހުސްވަމުންގޮސް އައްޑޫ ސިޓީއަށް ފެނުގެ ދަތިކަން ކުރިމަތި ވެފައިވާ ކަމަށެވެ.  

ތޮއްޔިބު ވިދާޅުވީ އައްޑޫ ރައްޔިތުން ފެނަށް ޖެހުމުގެ މައްސަލައިގައި ސަރުކާރުން މިހާތަނަށް އެކަމަށް އެދެވޭ ހައްލެއް ހޯދާދީފައި ނުވާކަމަށެވެ.

ތޮއްޔިބު ވިދާޅުވީ 2011 ވަނަ އަހަރު، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އައްޑޫ ސިޓީގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ ޕްރޮޖެކްޓެއް ފަށައި، ބައެއް ގޭގެއަށް ފެން ގުޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ރައީސް ނަޝީދުގެ ސަރުކާރު 2012 ވަނަ އަހަރު ބަދަލުކުރުމާއެކު އެ މަސައްކަތް ހުއްޓި އައްޑޫ ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އެކަށީގެންވާ ނިޒާމެއް ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހަމަޖައްސާ ދެއްވާފައި ނުވާ ކަމަށެވެ. 

ތޮއްޔިބު ވިދާޅުވީ މިދިޔަ އަހަރު ފެނަށް ޖެހުމުން ސަރުކާރުން އައްޑޫ ރައްޔިތުންނަށް ފެން ފޯރުކޮށްދިން ނަމަވެސް އެއީ ބޯން އެކަށީގެން ނުވާ ފެނެއް ކަމަށް އެ ފެނުގެ ތަހުލީލު ރިޕޯޓްތަކުން ދައްކާފައިވާ ކަމަށެވެ.

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ސަރުކާރުން ގެނެސް ސިޓީ ކައުންސިލްތަކުގެ ބާރުތައް ސަރުކާރަށް ވަނީ ނަގައިފަ އެވެ. އެހެންކަމުން އައްޑޫ ސިޓީއަށް ދިމާވެފައިވާ މައްސަލަތަކުގެ ވާހަކަތައް ހާއްސަކޮށް، ސާފު ބޯފެނުގެ މައްސަލަ ހައްލުކޮށްދިނުމަށް އެކި ފަހަރުމަތިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި އެދިފައިވާނެ ކަމަށް ވެސް ތޮއްޔިބު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ފެނުގެ މައްސަލަ ކަމާބެހޭ އިދާރާތައް ކަމަށްވާ އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓްރީއާއި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް