Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2017 | އާދީއްތަ 17:23
ފަނޑިޔާރު ކަމުގެ މަގާމުގެ ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތެއް
ފަނޑިޔާރު ކަމުގެ މަގާމުގެ ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތެއް
ރާއްޖެއެމްވީ
ޖުޑިޝަލް ސާވިސް ކޮމިޝަން
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
އައްބާސް ޝަރީފް ރިޓަޔާ ކުރެއްވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް
ޑރ. އަޒްމިރަލްދާ އިސްތިއުފާ ދެއްވިތާ އަހަރެއް ވަނީ
ލަސްވާ ސަބަބު ހާމަކުރަން ދެކޮޅު، ހައިކޯޓުގެ މަސައްކަތްތަކަށް ދަތިތަކެއް

ހައި ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް ބޭފުޅުން އައްޔަން ނުކޮށް ފަސް މަސް ވީއިރު ވެސް، އެކަން ލަސްވާ ސަބަބު ހާމަކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެކޮޅު ހަދައިފި އެވެ.

 

ނުވަ ފަނޑިޔާރުން ތިއްބަވަންޖެހޭ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ، އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު އިސްތިއުފާ ދެއްވުމުންނާއި، ފަނޑިޔާރު އައްބާސް ޝަރީފް ރިޓަޔާ ކުރެއްވުމުންނެވެ.

 

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ޑރ. އަޒްމިރަލްދާ އިސްތިއުފާ ދެއްވި އިރު، ސިއްޚީ މައްސަލައަކާ ގުޅިގެން އައްބާސް ޝަރީފް ރިޓަޔާ ކުރެއްވީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ.

 

އައްބާސް ޝަރީފްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި، ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ޑރ. އަޒްމިރަލްދާ އިސްތިއުފާ ދެއްވުމާއެކު، ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޯގަސްޓް މަހުގެ ތެރޭގައި ހުޅުވާލި އެވެ.

 

ނަމަވެސް، އެންމެ ދެ ބޭފުޅުން ކުރިމަތިލެއްވުމުން އިއުލާނު ބާތިލްކޮށް، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން އަށް ބޭފުޅަކު ވަނީ މަގާމަށް ކުރިމަތިލައްވާފަ އެވެ. މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ސިވިލް ކޯޓުގެ ތިން ގާޒީން ކަމަށްވާ ގާޒީ އަބްދުﷲ ޖަމީލް މޫސާ އާއި ގާޒީ މުހައްމަދު ހަލީމް އަދި ގާޒީ ހަސަން ފަހީމު އެވެ.

 

އެ ތިން ބޭފުޅުންގެ އިތުރުން އެ މަގާމަށް ކުރިމަތިލެއްވީ ހދ. ވައިރަކަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ނިޔާޒާއި ބ. ހިތާދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އުއްމުކުލްސުމް އަބޫބަކުރާއި މ. ސަބްރާތު، އަބްދުﷲ ޒުހައިރާއި ސ. ހިތަދޫ ރުފައިދާ މަންޒިލް، އަބްދުﷲ ފާރޫގު އިބްރާހިމްގެ އިތުރުން މ. ލިލީޒް، މިންނާ ނާފިޒެވެ.

 

މިދިޔަ އަހަރުގެ ނޮވެމްބަރުގައި ޖޭއެސްސީ އިން ބުނީ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުން ލަސްވަނީ ޖަލްސާގެ ކޯރަމް ހަމަނުވާތީ ކަމަށެވެ. ޖޭއެސްސީގެ ހިންގާ ގަވާއިދު ބުނާ ގޮތުން 10 މެންބަރުން ތިއްބަވާ އެ ކޮމިޝަންގެ ޖަލްސާއެއް ބޭއްވޭނީ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ތިބެގެންނެވެ.

 

ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުން ލަސްވަނީ ކޮން ސަބަބަކާ ގުޅިގެންތޯ ރާއްޖެއެމްވީ އިން ސުވާލު ދެންނެވުމުން ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން ވިދާޅުވީ މިހާތަނަށް އަދި ފަނޑިޔާރުން އައްޔަން ކޮށްފައިނުވާ ކަމަށެވެ. ލަސްވާ ސަބަބާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ދެންނެވުމުން ވެސް ޖޭއެސްސީގެ މީޑިއާ އޮފިޝަލް ވަނީ ޖަވާބު ދެއްވަން ދެކޮޅު ހައްދަވާފަ އެވެ.
 

ހައިކޯޓު ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްކޮށް އޮތުމުގެ ސަބަބުން އެ ކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ވެސް އޮތީ ނުފެށިފަ އެވެ. ހދ. ކުޅުދުއްފުށީގައި ގާއިމްކުރާ އެ ގޮތްޕަށް ތިން ފަނޑިޔާރުން ކަނޑައެޅެން އަންނަނީ ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުންނެވެ.

 

ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރާނެ ދެ ބޭފުޅުން ކަނޑައަޅާނީ އިންޓަވިއުކުރުމަށް ފަހު ލިބޭ މާކްސްއަށް ބަލައި، ކޮމިޝަންގެ ޖަލްސާގައި ވޯޓު ނަގައިގެންނެވެ. ކޮމިޝަންގައި ވޯޓަށް އަހާނީ އެންމެ މަތިން މާކްސް ލިބޭ ބޭފުޅުންނަށް އިސްކަންދޭ އުސޫލުންނެވެ.

 

ފަނޑިޔާރުންގެ ގާނޫނުގެ 28 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި، ފަނޑިޔާރެއްގެ މަގާމު ހުސްވެއްޖެނަމަ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޖޭއެސްސީ އިން އެ މަގާމަށް މީހަކު އައްޔަން ކުރަންވާނެ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އެއް މަގާމު ހުސްވެފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އަދި އަނެއް މަގާމު ހުސްވެފައި އޮންނަތާ އަހަރެއް ވާން ކައިރިވެފައިވާއިރު، އެކަށީގެންވާ މުއްދަތު އަދިވެސް ހަމަނުވަނީތޯ ސުވާލު ކުރުމުން ވެސް ޖޭއެސްސީގެ މީޑިއާ އޮފިޝަލް ވަނީ ޖަވާބުދާރީވާން ދެކޮޅު ހައްދަވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް